ސިޔާސީ ފަރާތްތަކަށް ހުކުމް ކުރުމަށް ދީދީ ފައިސާ ނެންގެވި ކަމުގެ ހެކި އެބަހުރި

ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ޖިނާއީ ތަހުގީގުގައި ފުލުހުންނަށް ލިބިފައިވާ ހެކިތަކުގެ ތެރޭގައި ސިޔާސީ ފަރާތްތަކަށް ބޮޑެތި ހުކުމްތައް ކުރުމަށް ފައިސާ ނެގިކަމަށް ދޭހަވާ ފަދަ ހެކިތަކެއް ހުރިކަން ހާމަވެއްޖެ އެވެ.
ދީދީއާ ދެކޮޅަށް ކުރިއަށް ގެންދާ ޖިނާއީ ތަހުގީގާއި ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގާ ސުލޫކީ މައްސަލައިގެ ހުޅުވާލެވިފައިވާ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު ވަނީ ދަރުބާރުގޭގައި ބާއްވާފަ އެވެ.
އެ މަޖިލިހުގައި ޖޭއެސްސީގެ މެމްބަރު އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން ވިދާޅުވީ ފުލުހުންގެ ޖިނާއީ ތަހުގީގާ ގުޅޭ އިތުރު ސިޓީއެއް ރޭގެ ވަގުތެއްގައި ޖޭއެސްސީ އަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން އެ ސިޓީގައި ވަނީ ސިޔާސީ ފަރާތްތަކާއި މެދު ވަކި ގޮތަކަށް ހުކުމް ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) "ސަސްޕެކްޓް 1" އިން ދީދީ އަށް ފައިސާ ދިން ކަމަށް ބެލެވޭ ހެކި ލިބިފައިވާ ކަމަށެވެ.
"އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ މީހުން ފައިސާ ދިން ފަރާތްތަކުގެ ތެރޭގައި ދީދީ ހިމެނޭ" ކަމަށް ބެލެވޭ ހެކި ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ކަމަށް އެ ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރަށް ދިގު ދެމިގެން ދިޔަ ތަހުގީގުގެ އަޑުއެހުމުގައި ވަނީ ހެކީގެ ގޮތުގައި ފުލުހުންނަށް ލިބިފައިވާ ފަސް ޑޮކިޔުމަންޓެއްގެ ވާހަކަ ވެސް ދައްކާފަ އެވެ.
އެ ޑޮކިޔުމަންޓުތަކުގައި ހިމެނޭ ދީދީގެ ފޯނުން ކޮށްފައިވާ މެސެޖުތަކުގައި ވެސް ވަނީ ރިޝްވަތާއި ނުފޫޒުގެ ވާހަކަތެކެވެ. އެގޮތުން ރާއްޖެ އިން ބޭރަށް ދާން ޑޮލަރު ބޭނުންވުމާއި، ދީދީގެ އަނބިކަނބަލުންނަށް ވަޒީފާ ހަމަޖައްސައިދިނުމުގެ ވާހަކަ ހިމެނެ އެވެ.
ފަސް ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދީދީ އަށް މިއަދު ވަނީ ދީފަ އެވެ. އަދި އޭގެ ފަހުން އިތުރު އަޑުއެހުމެއް ބާއްވަން ޖެހިއްޖެ ނަމަ ބާއްވާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. މިއަދު ތަހުގީގުގެ އަޑުއެހުމުގައި ދީދީ ވަނީ ހުރިހާ ތުހުމަތުތަކެއް ދޮގު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ