ޤައުމީ ތަރައްޤީގެ އެންމެ އިސް ސިޔާސަތަކީ މީހުން ބިނާކުރުން: ރައީސް

ޤައުމީ ތަރައްޤީގައި މިސަރުކާރުން ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ މީހުން ބިނާކުރުންކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، 2018ވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވުމަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވެވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރައްޔިތުން އެދޭ ފަދަ ކުރިއެރުން ޙާޞިލްކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ، ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލު ޖީލެއް ބިނާކުރުންކަމަށެވެ. އަދި މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތު އަމާޒުކުރެވިފައިވަނީ އެ މިސްރާބަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
ސްކޮލަޝިޕްތައް ލިބުނު ދަރިވަރުންނާއި މުޚާތަބު ކުރައްވައި ރައީސުލްލުމުހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސަރުކާރުން ދޭ ސްކޮލަޝިޕްތަކުގެ ޙަޤީޤީ މަޤުޞަދު ޙާޞިލްވެގެން ދާނީ، ދަރިވަރުންނަކީ ޤާބިލް، ހުނަރުވެރި އަދި ޤައުމު އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެގެންކަމަށެވެ.
އަދި ރައީސުލްޖުމުހޫރިއްޔާގެ ސްކޮލަޝިޕާއި ހަޔަރއެޗީވާސް ސްކޮރލަޝިޕް ލިބޭ ދަރިވަރުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކާއި އުސޫލުތަކަށް ބަދަލު ގެނެސް ކިޔެވޭނެ ފުރުޞަތު އިތުރަށް ފަހިކޮށްދެއްވާފާއިވާ ކަމުގައި ވިދާޅުވިއެވެ.
"މީގެ ކުރިން ރައީސްގެ އެވޯޑު ލިބޭ ދަރިވަރުން ކިޔަވަންޖެހެނީ ސަރުކާރުން ކަނޑައަޅާފައި ހުންނަ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއަކުން. ނަމަވެސް އަޅުގަނޑުމެން މިހާރު ވާނީ އެއުސޫލު ބަދަލުކޮށްފައި. މިއަހަރުން ފެށިގެން ރައީސްގެ އެވޯޑު ލިބޭ ދަރިވަރުންނަށް، އެކުދިން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ހައި އެޗީވަރސް ސްކޮލަޝިޕްގެ އުޞޫލުތަކަށް ބަދަލު ގެނެސް ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރާ ދަރިވަރުންނަށް، އިތުރު 36 ޤައުމަކުން ކިޔެވުމުގެ ފުރުޞަތު މިހާރު ލިބޭނެ ކަމަށެވެ. މީގެ ކުރިން ހައި އެޗީވަރސް ސްކޮލަޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން 11 ޤައުމަކުންނެވެ. އަދި ހައި އެޗީވަރސް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް އޯ.އީ.ސީ.ޑީ ޤައުމުތަކުން ވެސް ކިޔެވޭނެގޮތް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
އޭގެ ތެރޭގައިވެސް ގިނައީ، ޔޫރަޕްގެ ޤައުމުތަކާއި، އެމެރިކާ އާއި އޭޝިޔާގެ ކުރިއަރާފައިވާ އެހެން ބައެއް ޤައުމުތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ދެ ބަދަލަކީ ވެސް ޒުވާން ޖީލު ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހައި އެޗީވާސް ސްކޮލަޝިޕް 45 ދަރިވަރަކަށް އަދި ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަޝިޕް 4 ދަރިވަރަކަށް މިއަހަރުވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ