މުހިންމު ބިލްތައް 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ނިންމޭތޯ ބަލާނަން: ނަޝީދު

މުހިންމު ބިލްތައް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ނިންމޭތޯ ބަލާނެ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މިރޭ ދެއްވި އިންޓިވިއުއްގައި ރައީސް ނަޝީދު ވިދާޅުވީ ވަޒީފާގެ ފުރުސަތު، އެންމެ ކުޑަ އުޖޫރަ ދިނުން، އަދި އަމިއްލަ އާމްދަނީން ޓެކްސް ނެގުން، ދަތުރުފަތުރު ކުރުމުގެ ވިއުގަ ރަނގަޅަށް އެކުލަވާލުން ފަދަ ކަންކަމާ ގުޅޭ އާންމު ގާނޫނުތައް ފުރަތަމަ ދައުރުގެ ތެރޭގައި އެކުލެވިގެންދާނެ ގޮތަކަށް މަސައްކަތްކުރެވޭތޯ އެމްޑީޕީން ބަލާނެ ކަމަށެވެ.
"ނަވާރަ ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި އިރާދަކުރެއްވިއްޔާ އެންމެ މުހިންމު އަދި އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަވީ މައްސަލަތަކާ ގުޅޭ ބިލްތައް މަޖިލީހަށް ހުށަހެޅި، އިރާދަކުރެއްވިއްޔާ ފާސްވެގެންދާނެ. އޭގެ ތެރޭގައި ވަޒީފާގެ ފުރުސަތު، އެންމެ ކުޑަ އުޖޫރަ ދިނުން، އަދި އަމިއްލަ އާމްދަނީން ޓެކްސް ނެގުން، ދަތުރުފަތުރު ކުރުމުގެ ވިއުގަ ރަނގަޅަށް އެކުލަވާލުން، މިބާވަތުގެ ކަންކަމާ ގުޅޭ އާންމު ގާނޫނުތައް އިރާދަކުރެއްވިއްޔާ ފުރަތަމަ ދައުރުގެ ތެރޭގައި އެކުލެވިގެންދާނެ ގޮތަކަށް މަސައްކަތްކުރެވޭތޯ އެމްޑީޕީން ބަލާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އަމާޒަކީ ހުރިހާ ބިލެއްގެ ވެސް މަސައްކަތް އެއްފަހަރާ ކުރަމުން ގެންދިއުން ކަމަށާއި އެމްޑީޕީން މަސައްކަތްކުރަމުންދާ ގޮތަކީ އެއް ކަންތައް ނިމުނީމާ އަނެއް ކަންތައް ކުރުމެއް ނޫން ކަމަށެވެ. އަދި އެކިއެކި ކަންތައްތައް ބަހާލައިގެން، އެކިއެކި ކޮމިޓީތަކުންނާއި އެކިއެކި ބޭފުޅުންނާ ހަވާލުކުރެވިގެން ކަންކަން ކުރިއަށްގެންދެވޭނެ ކަމަށާއި އެ ކަންތައްތައް ކުރިއަށްދާނީ ސަރުކާރާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެން މިހުރިހާ ކަމެއް ވެސް ކުރިއަށްދާނީ ސަރުކާރާ އެކީގައި. ސަރުކާރާ ވަރަށް ގާތުން، ގުޅިގެން. ކަންކަން ތަންފީޒުކުރަމުންގެންދާނީ ސަރުކާރުން. ސަރުކާރުން ކަންކަން ތަންފީޒުކުރާ ގޮތް ރައްޔިތުންގެ މަޖިލީހުން މި ކަނޑައަޅައިދެނީ. ކަނޑައަޅާ އިރުގައި އެ ހަމަތަކަކީ ވެސް ސަރުކާރަށް ވެސް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ހަމަތަކަކަށް ވާން ޖެހޭނެ. އަދި ސަރުކާރަށް ވެސް ތަންފީޒު ކޮށްދެވޭނެ ހަމަތަކަކަށް ވެސް ވާން ޖެހޭނެ. ހާއްސަގޮތެއްގައި ފާއިސާއާއި މީހުންނާއި ވަގުތާ، މިހުރިހާ އެއްޗެއް މި ހުރިހާ އެއްޗެއް ބަލަން ޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ