ޔަމަނަށް ހަމަލާދިނީ އެމެރިކާގެ ޑްރޯން ހަމަލާ ހުއްޓުވުމަށް: އަލްގައިދާ

ސަނާ (ޑިސެމްބަރު 7) - ޔަމަނުގެ ޑިފެންސް މިނިސްޓްރީ ހުންނަ އިމާރާތަށް ހަމަލާ ދިނީ އެމެރިކާގެ ޑްރޯން ހަމަލާތައް ހުއްޓުވުމަށް ކަމަށް އަލްގައިދާ ޖަމާއަތުން ބުނެފި އެވެ. ޔަމަނުގައި ބުރާސްފަތި ދުވަހު ދިން ހަމަލާގެ ޒިންމާ އަލްގައިދާ އިން ވަނީ އުފުލައިފަ އެވެ. އެ ހަމަލާގައި ވަނީ 56 މީހުން މަރުވެފަ އެވެ. ޔަމަނުގައި ހަމަލާ ދީފައި ވަނީ އަލްގައިދާ އިން އެރޭބިއަން ޕެނެސުލާ (އޭކިޔޫއޭޕީ) އިންނެވެ. ވޮޝިންޓަނުން ބުނެފައި ވަނީ މިއީ ޖިހާދިސްޓުންގެ އެންމެ ނުރައްކާ ނެޓްވޯކް ކަމަށެވެ. އަލްގައިދާ އިން ތުހުމަތު ކުރި ނަމަވެސް ޔަމަނުގެ ދިފާއީ ވުޒާރާގެ އިމާރާތުގައި އެމެރިކާ ސިފައިންގެ އެއްވެސް ބަޔަކު ތިބޭ ކަމުގެ ހެއްކެއް ލިބިފައެއް ނުވެ އެވެ. އިމާރާތަށް ހަމަލާ ދީފައި ވަނީ ގޮވާ ތަކެތި އަޅާފައިވާ ވެހިކަލެއްގައި އިމާރާތުގެ މައި ދޮރޯށި ގޮއްވާލައިގެންނެވެ. އޭގެ ފަހުން ވަނީ ހަނގުރާމަވެރިން ބަރު ހަތިޔާރުން ހަމަލާ ދީފަ އެވެ. ހަމަލާތައް އެންމެ ބޮޑަށް އަރާފައި ވަނީ އިމާރާތުގައި ހިންގާ ހޮސްޕިޓަލަކަށެވެ. ޔަމަނުގައި ދިން ހަމަލާ އެމެރިކާ އިން ވަނީ ކުށްވެރިކޮށްފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން މޭރީ ހާފް ވިދާޅުވީ މި ހަމަލާގައި އެމެރިކާގެ އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ. ޔަމަނުގެ ސިކިއުރިޓީ ކޮމިޓީން ބުނެފައި ވަނީ މަރުވި މީހުންގެ ތެރޭގައި ފިލިޕީންސް، ޖާމަން، ވިއެޓްނާމް އަދި އިންޑިއާގެ ޑޮކްޓަރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުގައި ތިބި ގިނަ އަދަދެއްގެ ބަލި މީހުން ވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެ އެވެ. ހަމަލާގައި 25 ހަނގުރާމަވެރިން ބައިވެރިވި ކަމަށްވެ އެވެ. ޔަމަނުގެ ރަސްމީ ނޫސް އެޖެންސީ ސަބާ އިން ބުނެފައި ވަނީ މީގެ ތެރެއިން 11 މީހުން މަރުވެފައިވާ ކަމަށެވެ. ރައީސް އަބްދުއްރައްބު މަންސޫރު ހާދީ ވިދާޅުވީ ހަމަލާގައި ބައިވެރިވި އެކަކު ވެސް ސަލާމަތްވެފައި ނުވާ ކަމަށާއި އެންމެން އަތުލާފައިވާ ކަމަށެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ