މާލޭ ސިޓީ ކައުންސިލުގެ ބައެއް މަސައްކަތްތައް އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަން ނިންމައިފި

މާލޭ ސިޓީ ކައުންސިލުން ދޭންޖެހޭ ބައެއް ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެމުން ނުދަވާތީ، އެ ކައުންސިލާ ޙަވާލުކުރެވިފައިވާ ބައެއް މަސައްކަތްތައް އަނބުރާ އެ ކައުންސިލުން ނަގާ، ސީދާ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުގެ ބެލުމުގެ ދަށުން އެމަސައްކަތްތައް ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އިއްޔް ލަފާއެރުއްވުމާ ގުޅިގެން، އެކަން އެގޮތަށް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.
މިކަން މިގޮތަށް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑު މިހާރު ހަމަޖެހިފައި އޮތްގޮތުން، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ވަރަށްގިނަ ޚިދްމަތްތަކަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރްކަޒީ އުޞޫލުން ހިންގުމާބެހޭ ގާނޫނުގެ ދަށުން ކައުންސިލްތަކާ ޙަވާލުކުރެވިފައިވާ ޚިދްމަތްތަކެއް ކަމަށްވީނަމަވެސް، ރައްޔިތުންނަށް ދެމުން ގެންދާ ޚިދްމަތްތައް، ބައެއް ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުވައިދެމުން ނުދަވާތީ، މިކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރުން އެރުވި މަޝްވަރާއާ ގުޅިގެންނެވެ. އަދިކައުންސިލްތަކުގެ ޒިންމާއިން ވަކިކޮށްގެން ނަމަވެސް، މި ޚިދްމަތްތައް ރައްޔިތުންނަށް ދެމުން ޔަޤީން ކުރުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައެވެ.
ހަމައެއާއެކު، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އޮތް ޒިންމާއަކަށްވާތީއާއި، ބަރަކާތްތެރި ރަމަޟާންމަހާއި، ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށްޓަކައި މާލޭސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ބައެއް މަސައްކަތްތައް އަނބުރާ ސަރުކާރަށް ނެގުމަށް ނިންމީކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ޤާނޫނުގައިވާ ގޮތުގެ މަތިން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް، ކޮންމެ ކައުންސިލަކުންވެސް ފޯރުކޮށްދިނުމަކީ، ސިޔާސީ ފިކުރާއި ޚިޔާލުގެ ބޭރުން ކޮންމެ ކައުންސިލަކުންވެސް ކުރަންޖެހޭ ކަމެއްކަން ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ