މިޔަރު ހިމާޔަތް ކުރުމަށް ގައުމުތަކުންދޭ ސަމާލުކަން އިތުރުވަނީ

މިޔަރު ހިމާޔަތް ކުރުމަށް ފަހަކަށް އައިސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވިޔަފާރީގެ ބޭނުންތަކަށް ސިނާއީ ފެންވަރުގައި މިޔަރު ހިފުމުގެ ސަބަބުން ދުނިޔޭގެ ކަނޑުތަކުން މިޔަރު ހުސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އެހެންކަމުން ޖަމާއަތުގެ ފެންވަރުގަ އާއި ގައުމުތަކުގެ ފެންވަރުގައި މިޔަރުގެ ހިމާޔަތުގައި އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިޔަރު ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި ދާދި ފަހުން ވަނީ، އަށް ގައުމަކުން މަސައްކަތް ކުރަން ނިންމައިފަ އެވެ. މީގެ ތެރޭގައި ދިވެހި ރާއްޖެ ވެސް ހިމެނެ އެވެ. ދެން ހިމެނޭ ގައުމުތަކަކީ ބަހާމާސް، ކޮލަމްބިއާ، ހޮންޑިއުރަސް، މާޝަލް އައިލެންޑްސް، މެކްސިކޯ، މިކްރޮނީސިއާ އަދި ޕަލާއޫ އެވެ. މިޔަރު ހިމާޔަތް ކުރުމަށް މި އަށް ގައުމުގެ އިސް ނެގުމުގެ އިތުރުން ޕަލާއޫ އާއި ހޮންޑިއުރަސް އިން ވެސް ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން މިފަދަ މަސައްކަތެއް ފަށައިފަ އެވެ. އެ ދެ ގައުމުގެ އެންމެ އިސްވެރިންގެ ފެންވަރުގައި ހިންގި ކެމްޕޭންތަކުގެ ސަބަބުން މިޔަރު ހިމާޔަތް ކުރުމަށް ގިނަ ގައުމުތަކަކުން ވަނީ އިޖާބަ ދީފަ އެވެ. މިޔަރު ހިމާޔަތް ކުރުމަށް އެކި ދުވަސްވަރު ރާއްޖެ އިން ވަނީ އެކި މަސައްކަތްތައް ކޮށްފަ އެވެ. މި ގޮތުން ރާއްޖޭގެ ވަކި ސަރަހައްދުތަކަކުން މިޔަރު ބޭނުން އެއް ދުވަސްވަރެއްގައި ވަނީ މަނާކޮށްފަ އެވެ. ރާއްޖެ އިން މިޔަރު ހިމާޔަތްކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހު އެވެ. ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން 12 ބާވަތެއްގެ ދިރޭ ތަކެއްޗާ އެކު، ހިމާޔަތްކޮށްފައިވާ ތަކެތީގެ ލިސްޓުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން، މިޔަރު ހިމެނީ ޖުލައި 21 ވަނަ ދުވަހު އެވެ. އެހެން ކަމުން އެ ތާރީޚުން ފެށިގެން މިޔަރު ހިމާޔަތްކުރުމާ ގުޅިގެން، މިޔަރު ހިފުމާއި ގެންގުޅުމާއި ވިޔަފާރިކުރުމާ އަދި އެ ތަކެއްޗަށް އެއްވެސް ގޯނާއެއް ކުރުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިޔަރު ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ދަށުން 2.7 މިލިއަން އަކަ ކިލޯމީޓަރު (އެއް މިލިއަން އަކަ މޭލު)ގެ ސަރަހައްދަކުން ވިޔަފާރީގެ ގޮތުގައި މިޔަރުގެ މަސްވެރިކަން ކުރުން ވަނީ މަނާކުރެވިފަ އެވެ. މިއީ މެކްސިކޯ އާއި ޓެކްސަސް އެއްކޮށްލުމުންވާ ވަރަށް ވުރެ ބޮޑު ސަރަހައްދެކެވެ. މިޔަރާއި މިޔަރުގެ ބާވަތްތައް އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި ވެސް އަންނަނީ މަނާކުރަމުންނެވެ. މިޔަރު ހިމާޔަތް ކުރުމަށް އެއްބާރުލުން ދޭން އެންމެ ފަހުން އެއްބަސްވި ގައުމުތަކާ އެކު މިޔަރަށް އިތުރު 2.3 މިލިއަން އަކަ މޭލުގެ ސަރަހައްދަކުން ހިމާޔަތް ލިބިގެންދާނެ އެވެ. މިޔަރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މިޔަރުގެ ހިމާޔަތުގައި އެއްވެސް ގައުމަކުން ފިޔަވަޅެއް އަޅައިފި ނަމަ އެއީ މިޔަރުގެ ސަލާމަތަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ. މިޔަރު ގިނައިން ނަގައިފި ނަމަ އޭގެ ދަރިފަސްކޮޅު ނެތި ދިއުމުގެ ބިރު ބޮޑުވާނެ އެވެ. ސަބަބަކީ މިޔަރަކީ ލަހުން ވިހާ އަދި ލަހުން ބޮޑުވާ އެއްޗަކަށްވާތީ އެވެ. މިޔަރު ނެތި ހިނގައްޖެ ނަމަ މުޅި އެކޯސިސްޓަމަށް ނޭދެވޭ އަސަރު ކުރާނެ އެވެ. މިޔަރު މައިގަނޑު ގޮތެއްގައި ހިފަނީ އޭގެ އުރަހައިގެ ބޭނުމުގަ އެވެ. މިޔަރު އުރަހައިގެ ސޫޕަކީ އޭޝިޔާގެ ވަރަށް މަޝްހޫރު ބުއިމެކެވެ. ޚާއްސަކޮށް ހޮން ކޮންގާއި ޗައިނާގަ އެވެ. މިޔަރު ސޫޕުގެ ޑިމާންޑް ބޮޑުވުމުން މިޔަރު އުރަހައެއް ޗައިނާގައި 15،000 ޑޮލަރަށް ވިއްކާލެވެ އެވެ. އަހަރެއްގެ ތެރޭގައި 73 މިލިއަން މިޔަރު ހިފާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މިޔަރުގެ 30 ޕަސެންޓް ވަނީ ނެތި ދިއުމުގެ ބިރު ހީވެފަ އެވެ. މިޔަރުގެ ބައެއް ބާވަތްތައް ވަނީ 98 ޕަސެންޓަށް މަދުވެފަ އެވެ. އެހެން ކަމުން މިޔަރެއް ހިފައިގެން އޭގެ ވަގުތީ ފައިދާއެއް ހޯދުމަށް ވުރެ ދުނިޔޭގެ ގައުމުތަކުން މިއަދު ވިސްނަނީ ދެމެހެއްޓެނިވި ގޮތުގައި މިޔަރުން ފައިދާ ހޯދާށެވެ. ޚާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީންނެވެ. މިޔަރެއްގެ އުމުރަށް ބަލާއިރު ދެ މިލިއަން ޑޮލަރު، އެ މިޔަރެއްގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ އަށް ލިބެ އެވެ. މިޔަރަކީ އެއް ގައުމުން އަނެއް ގައުމުގެ ކަނޑުގެ ސަރަހައްދަށް ވެސް ދަތުރުކުރާ އެއްޗެކެވެ. އެހެންވެ އެއް ގައުމުން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުފެނިދާނެ އެވެ. ގިނަ ގައުމުތަކަކުން ބައިވެރިވެގެން މިޔަރު ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކޮށްފި ނަމަ އޭގެ ނަތީޖާ ކުރިމަގުގައި ފެނިގެންދާނެ އެވެ. ހަތަރު ސަތޭކަ މިލިއަނަށް ވުރެ ގިނަ އަހަރު ކަނޑުތަކުގައި އުޅެފައިވާ މިޔަރަކީ ވެސް ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދޭން ޖެހޭ ބާވަތެކެވެ. ވަގުތީ ބޭނުމަކަށް މިޔަރު ނަގާ ހުސްކޮށްގެން ފަހުން ހޯދޭނެ ފައިދާއެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ