އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަމުން ޑރ. މަޖީދު އިސްތިއުފާ ދެއްވައިފި
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ގޮތުގެ މަތިން އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އަރިހުގައި އެ ޕާޓީން އެދުނު ނަމަވެސް އޭގެ ބަދަލުގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަމުން އޭނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ. ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ ވިދާޅުވީ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަމުން ޑރ. މަޖީދު އިސްތިއުފާ ދެއްވިކަން ބަޔާން ކުރައްވާފައިވާ ސިޓީއެއް މިއަދު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެއީ އަދާލަތު ޕާޓީގެ ފަރާތުން ޑރ. މަޖީދު ތަމްސީލު ކުރައްވާ ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެދި ޕާޓީން ފޮނުވި ސިޓީގެ ޖަވާބު ކަމަށް ދެކެވަޑައިނުގަންނަވަ އެވެ. "އަޅުގަނޑުމެން ނުދެކެން އެއީ އަޅުގަނޑުމެން ޕާޓީން ފޮނުވި ސިޓީގެ ޖަވާބު ކަމަކަށް. މިނިސްޓަރު ކަމުން އިސްތިއުފާ ނުދެއްވި ސަބަބެއް ވެސް ޑރ. މަޖީދުގެ ސިޓީގައި ވިދާޅުވެފައެއް ނެތް،" އިމްރާން ވިދާޅުވި އެވެ. ޑރ. މަޖީދުގެ އިސްތިއުފާ އާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ސާފުކުރުމަށް "ހަވީރު" ން މިއަދު ގުޅުމުން އޭނާގެ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. ސަރުކާރުން ވަކިވުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމުމާ ގުޅިގެން ޑރ. މަޖީދުގެ އިތުރުން އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝޭހު ހުސެއިން ރަޝީދު އަހުމަދު ވެސް އެ މަގާމުން އިސްތިއުފާ ދެއްވުމަށް ޕާޓީން އެދުނެވެ. އެކަމަކު އޭނާ ވިދާޅުވެފައި ވަނީ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާނީ ރައީސް މުހައްމަދު ނަޝީދު އެންގެވުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ