ޔާސިރު އަރަފާތުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ދެވަނަ ފަހަރަށް ފަސްތާނުލައިފި

އިޒްރާއީލުން ރޭޑިޔޯ އެކްޓިވް ވިހަ މާއްދާއެއް ބޭނުންކޮށްގެން އަވަހާރަކޮށްލާފައިވާ ކަމަށް ބެލެވޭ ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތުގެ ގަބުރު ކޮނެގެން ނަގައި ކަށިން ސާންޕަލް ނެގުމަށްފަހު އަލުން ރަސްމީ އިއްޒަތުގައި ދެވަނަ ފަހަރަށް ވަޅުލައިފިއެވެ.
އަވަހާރަވިތާ އަށް އަހަރު ފަހުން މިއަދު ހެނދުނު އަފަރާތުގެ ހަށިކޮޅު ކޮނެގެން ނަގާފައިވަނީ ރާމައްﷲގައި މިހާރު ހަރަކާތްތެރިވަމުންދާ ސްވިޒަލޭން، ފުރާންސް އަދި ރަޝިޔާގެ ތަޖުރިބާ ކާރުންގެ ޓީމަކުންނެވެ. އަރަފާތުގެ ހަށިކޮޅު ކޮނެގެން ނެގުމަށްފަހު ސާންޕަލް ނެގުމަށް ގެންގޮސްފައިވަނީ ރާމުﷲގެ މިސްކިތަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފަލަސްތީނުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަރަފާތުގެ ކަށިން ސާންޕަލް ނެގީ ބައިނަލް އަގްވާމީ ތަޖުރިބާކާރުންގެ ލަފާގެ މަތިން ފަލަސްތީނުގެ ޑޮކްޓަރުންނެވެ.
އަރަފާތުގެ ހަށިކޮޅު ކޮނެގެން ނެގުމުގެ ހުރިހާ ކަމެއް ވަނީ މީޑިއާއަށް ސިއްރުކޮށްފައެވެ. އަދި އަރަފާތުގެ ހުވަފަތް އަނބިކަނބަލުން ސުހާ އަރަފާތުގެ ގާނޫނީ ޓީމަށްވެސް އަރަފާތުގެ ހަށިކޮޅާއި ކައިރި ނުވެވޭ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަރަފާތުގެ ކަށިން ސާންޕަލް ނެގުމަށް ނިންމާފައިވަނީ އަރަފާތު އަވަހާރަ ވީއިރު ގެންގުޅުއްވި ތަކެތިން ރޭޑިއޯ އެކްޓިވް ނިއުކުލިޔަރ ވިހަ މާއްދާއެއް ކަމަށްވާ ޕޮލޯނިޔަމްގެ އަސަރު ފެނުމާއި ގުޅިގެންނެވެ. ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން އަރަފާތުގެ ހުވަފަތް އަނބިކަނބަލުން ސުހާ ވަނީ އަރަފާތުގެ ކަށިން ސާންޕަލް ނެގުމުގެ ހުއްދަވެސް ތަހުގީގީ ޓީމަށް ދެއްވައި އެކަން އިއުލާނު ކުރެއްވުމުގެ ގޮތުން ބަޔާނެއްވެސް ނެރުއްވާފައެވެ.
ސާންޕަލް ނެގުމަށްފަހު ތަހުގީގީ ޓީމުތަކުން އެނބުރި އެ ޓީމެއްގެ ގައުމަށް ގޮސް އަރަފާތު އަވަހާރަވީ ސަބަބު ހޯދުމުގެ ގޮތުން ވަކި ތަހުގީގެއް ކުރާނެއެވެ. މި ތަހުގީގުގައި ރަޝިއާއިން ބައިވެރިވެފައި ވަނީ ފަލަސް ތީނުގައި އަރަފާތު އަވަހާރަވީގޮތް ހޯދުމަށް އެކުލަވާލާފައިވާ ކޮމިޝަނުގެ އެދުމުގެ މަތިން ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިޒްރާއީލުން އަރަފާތު ހުންނެވި ރިޔާސީ ގަނޑުވަރު ހިސާރު ކުރުމުގެ ސަބަބުން އެތައް މަހެއް އިޒްރާއީލުގެ ހިސާރުގެ ދަށުގައި ހުރުމަށްފަހު އަރަފާތު އަވަހާރަވީ އޭނާގެ ހާލުކޮޅު ސީރިޔަސް ވުމުން ފްރާންސްގެ އޭރުގެ ރައީސް ޖެކް ޝިރާކު ފޮނުއްވި ހާއްސަ މަތިންދާބޯޓެއްގައި ފްރާންސަށް ވަޑައިގެން އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް 2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
މެޑިކަލް ރިޕޯތްތަކުން ދައްކާގޮތުގައި އަރަފާތު އަވަހާރަވީ ސްޓްރޯކެއް ޖެހިގެންނެވެެ. ނަމަވެސް އަލުން އަރަފާތުގެ މަރުގެ ތަހުގީގު ފެށުނީ ފްރާންސްގެ ޔުނިވާސިޓީ އޮފް ލައުސޭންގެ އިސްޓިޓިއުޓް އޮފް ރޭޑިއޭޝަން ފިޒިކްސްގެ ތަހުގީގީ ޓީމަކަށް އަރަފާތުގެ ހުވަފަތް އަނބިކަނބަލުން ސުހާ ހިއްސާ ކުރެއްވި ތަކެތީގައި ރޭޑިއޯ އެކްޓިވް ވިހަ މާއްދާއެއް ކަމަށްވާ ޕޮލޯނިޔަމްގެ އަސަރު ހުރިކަން ހާމަ ވުމުންނެވެ.
މިކަމާ ގުޅިގެން އިޒްރާއީލުން ބުނެފައިވަނީ އެ ގައުމުން އަރަފާތަށް އެފަދަ ވިހަ މާއްދާއެއް ނުދޭ ކަމަށެވެ. އަދި އަރަފާތާއި ދެކޮޅަށް ލާއިންސާނީ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށްވެސް އިޒްރާއީލުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ