ތަރައްގީ ގެންނާނީ ފިތުރަތުގެ އުސޫލާ އެއްގޮތަށް: ނަޝީދު

ތަރައްގީ ގެންނާނީ ފިތުރަތުގެ އުސޫލާ އެއްގޮތަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އޭދަފުށީގައި މިރޭ ކުރިއަށްދިޔަ ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ކޮންމެ ޖަޒީރާ ރަށަކީ އެ ރަށެއްގެ ވަށައިގެން ވެލި އެނބުރެންޖެހޭ ރަށެއް ކަމަށާއި ނަމަވެސް އެ ރަށްތަކުގައި ބަނދަރުތައް ހެދުމާއެކު އެ ރަށްތަކުގެ ގުދުރަތީ ސިފަ ގެއްލިގެންދާ ކަމަށެވެ. އަދި މިގޮތަށް ކަންކަން ދިމާވަނީ ފިތުރަތުގެ އުސޫލާ އިދިކޮޅަށް ހަރަކާތްތައް ހިންގުމުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އެނބުރި އެނބުރި އޮންނަ ވެލި ނޭނބުރެނީ. ނޭނބުރުނީމާ ރަށް ގިރެނީ. އެއީ އަޅުގަނޑުމެންގެ ލޮލަށް ފެންނަތަން. ރަށެއްގެ ތޮބީއީ ސިފަ ގުދުރަތީ ގޮތާ ބެހުނީމާ ހަގީގަތުގައި އަންނާނެ ކިތަންމެ ބަދަލެއް އޮންނާނެ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ މިފަހަރުގެ މެނިފެސްޓޯގެ އެންމެ ބޮޑު އަމާޒަކީ ފިތުރަތުގެ އުސޫލާ އެއްގޮތަށް ތަރައްގީ ގެނައުން ކަމަށެވެ. އަދި ތަރައްގީ ގެނައުމަށް ކުރަންޖެހޭ ކަންކަން އިނގޭ ކަމަށާއި އެއީ ބޮޑު ބިޔަ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ތަރައްގީ ގެންނާނީ ފިތުރަތުގެ އުސޫލާ އެއްގޮތަށޭ. އޮޔާވަޔާ އެއްކޮޅަށޭ. އިދިކީއްޔަކަށް ނޫނޭ. ތަރައްގީ ގެނައުމަށް ކުރަންޖެހޭ ކަންކަން އަޅުގަނޑުމެންނަށް އެބަ އިނގޭ. އެއީ ބޮޑު ބިޔަ ކަމެއް ނޫން. އެއީ ކުޑަކުޑަ އޮށެއްގެ ސިއްރުން ވަޅުޖެހުނު ބިންމަތީގައި، ބޮޑުބޮޑު ބިޔަ ގަހެއް ހެދުން" ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ތަރައްގީ އަށް ކުރާ މަސައްކަތާއި ތަރައްގީ އަށް ވިސްނާ ވިސްނުން، މަޖިލިސް 19 ގައި ތަފާތުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި އެ މަޖިލިސް ވެގެންދާނީ ރަށު ތަރައްގީއާ ގުޅޭގޮތުން ރައްޔިތުންނަށް ވިސްނައިދޭ މަޖިލީހަކަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ