ފ. އަތޮޅުގެ ޗެމްޕިއަންކަން ބިލެތްދޫ ހޯދިއިރު މ. އަތޮޅުގެ ޗެމްޕިއަންކަން މުލަކު ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފ. އަތޮޅުގެ ޗެމްޕިއަންކަން ބިލެތްދޫ އަދި މ. އަތޮޅުގެ ޗެމްޕިއަންކަން މުލަކު ހޯދައިފި އެވެ.
ފ. އަތޮޅުގެ ޗެމްޕިއަންކަން ބިލެތްދޫ ހޯދީ އިއްޔެ ހަވީރު ނިލަންދޫގައި ކުޅުނު ފައިނަލް މެޗުގައި އެޓީމު އަތުން ޕެނަލްޓީ ޖަހައިގެން 3-2 އިން މޮޅުވެގެން ނެވެ. މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ބިލެތްދޫ އެވެ. މި ގޯލް 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާމިދު އަހުމަދު އެވެ. އެކަމަކު 18 ވަނަ މިނެޓުގައި ނިލަންދޫން ވަނީ ގޯލް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަމްޖަދު އަލީ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓް އައުޓުގައި ބިލެތްދޫން ވަނީ ދެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މި ދެ ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ޝިޔާޒު އިބްރާހިމާއި އިބްރާހީމް ޝައުޤަތު އެވެ. ނިލަންދޫން ކާމިޔާބުކުރި ހަމައެކަނި ޕެނަލްޓީ ޖެހީ އުބައިދު އިސްމާޢީލް އެވެ.
މީގެ އިތުރުން މ. އަތޮލޫގެ ޗެމްޕިއަންކަން މުލަކުން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ނާލާފުށި އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެގެން ނެވެ.
މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 81 ރަށަކުން ވާދަކުރެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ އަތޮޅު ބުރު އެވެ. އެ ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ބުރަށް ދަތުރުކުރާނެ އެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ