ކުރީގެ ރައީސް އެނބުރި ވަޑައިގަތުމުން ރައީސް ޔާމީން ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ތިން ދުވަސް ކުރިން ރާއްޖެ އިން ފުރާވަޑައިގަތް ކުރީގެ ރައީސް މުހަންމަދު ވަހީދު މިރޭ އެނބުރި ރާއްޖެ ވަޑައިގަތުމުން ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.
އަނބިކަނބަލުން އިލްހާމް ހުސެއިންގެ އޮޕަރޭޝަނަކަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ވަހީދު މިރޭ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ނާއިބު ރައީސް މުހަންމަދު ޖަމީލް އަހުމަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ހުންނެވި އެވެ.
ހަތަރު ނަމްބަރު ފާލަމަށް ރައީސް ވަހީދު ފައިބާވަޑައިގަތުމުން ރައީސް ޔާމީންގެ އިތުރުން ބައެއް ވަޒީރުންނާއި ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުގެ ބައެއް ސަޕޯޓަރުން ވެސް ވަނީ ވަހީދަށް މަރުހަބާ ދަންނަވައިފަ އެވެ.
އަދިި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަހީދަށް މަރުހަބާ ދެންނެވުމަށް ފާލަން ކައިރިއަށް ވަޑައިގަތެވެ.
ރާއްޖޭގެ ފަސް ވަނަ ރައީސްގެ ގޮތުން 21 މަސް ވަންދެން ވެރިކަން ކުރެއްވި ވަހީދުގެ ދެކަނބަލުން މާލެ ވަޑައިގެން މިރޭ ގެކޮޅާ ހަމައަށް ވަޑައިގަތީ މޮޓޯކޭޑްގައި ރަސްމީ އިއްޒަތުގަ އެވެ. އެމަނިކުފާނު ބޭނުންފުޅު ކުރެއްވީ އެމްއެންޑީއެފްގެ ކާރެކެވެ.
މީގެ އިތުރުން ވަހީދު އެއާޕޯޓުން މާލެ ވަޑައިގަތީ ރައީސްގެ ރަސްމީ ލޯންޗްްުކޮޅުގައި ނާއިބު ރައީސް ޖަމީލްގެ އަރިހުގަ އެވެ.
ރައީސް ޔާމީނާއި ވަހީދާ ދެ ބޭފުޅުންނާ "ހަވީރު"ން ސުވާލު ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ "އެންމެ މަތިވެރި ގަދަރާއި އިހުތިރާމް" އެމަނިކުފާނުގެ ސަރުކާރުގައި ވަހީދަށް އަރުވާނެ ކަމަށެވެ.
ވަހީދަށް ސަރުކާރުން މަގާމެއް ހުށަހަޅުއްވާނެތޯ ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ "އެއީ މީޑިއާ އިން ބޭރު" ކަމެއް ކަމަށެވެ.
"އެއީ ދެން އަޅުގަނޑުމެންގެ އެތެރޭގެ ވާހަކަ ދެއްތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ރައީސުންނަށް ލިބިދޭން ޖެހޭ އިނާޔަތާއި ރައްކާތެރިކަން ވަހީދަށް ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރު ފެށޭ ތަނުން ހުށަހަޅުއްވާނެ އެވެ.
ވަހީދު ވިދާޅުވީ ރައީސް ޔާމީނާއި ސަރުކާރަށް މަރުހަބާ ދަންނަވާ ކަމަށާއި ހާއްސަކޮށް ރައީސް ޔާމީން ވަޑައިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރާއްޖޭގައި ދެން ކުރައްވާނީ ކޮން މަސައްކަތްޕުޅެއްތޯ ދެންނެވުމުން ވަހީދު ވިދާޅުވި ގޮތުގައި މުޖުތަމައުއަށް ފައިދާ ހުރި ކޮންމެވެސް މަސައްކަތެއް ކުރެއްވޭތޯ އެމަނިކުފާނު ބައްލަވާނެ އެވެ.
ނޮވެމްބަރު 16 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގައި ރާއްޖޭގެ ވެރިކަން ޔާމީން ކާމިޔާބު ކުރެއްވިއިރު ވަހީދު ރާއްޖޭގައި ވަޑައިގެން ނޫޅުއްވަ އެވެ. އެހެންވެ މިއީ ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމަށް ފަހު ވަހީދާ ދެބޭފުޅުން ބައްދަލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި ރޭ ދެބޭފުޅުން ސަލާމް ކުރެއްވުމުގެ ތެރޭގައި "އަދި އަޅުގަނޑު އަންނާނަން" ކަމަށް ޔާމީން އަރިހުގައި ވަހީދު ދެންނެވި އެވެ. އޭގެ ޖަވާބުގައި "އާދެ އާދެ" ރައީސް ޔާމީން ވިދާޅުވެ މަރުހަބާ ވިދާޅުވި މަންޒަރު ނޫސްވެރިންނަށް ފެނުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ