ގަވާއިދާއި ހިލާފަށް ފައިސާ ބޭރުކުރާ މައްސަލައެއްގައި 2 ބިދޭސީއަކު ހޯދަނީ

ގަވާއިދާއި ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކޮށް، ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ފައިސާ ރާއްޖެއިން ބޭރުކުރާ މައްސަލައެއްގައި ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި 2 މީހުން ހޯދަމުންދަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރުފައިސާ ގަނެ ވިއްކައި، ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންކަމަށެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު އިޤްބާލް ހޮސައިން (ޕާސްޕޯޓް ނަންބަރު EE0669802) އާއި ޝޮހެލް (ޕާސްޕޯޓް ނަންބަރު BC0463544) އެވެ.
މި ދެ މީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މިދިޔަ އާދީއްތަދުވަހު ވަނީ ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފައެވެ.
ބޭރު ފައިސާ ގަނެ ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ ރަބީއުﷲ ނަމަކަށްކިޔާ މީހަކާއި، ޢުމުރުން 31 އަހަރުގެ މުޙައްމަދު ފިރުދައުސް ނަމަކަށްކިޔާ މީހެކެވެ.
މީގެތެރެއިން ރަބީއުﷲއަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ރަޖިސްޓްރީކޮށްްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތެވެ. އަދި ފުލުހުން ވަނީ އެ ތުހުމަތުތަކާއި ގުޅިގެން ބައެއް ހެކިވެސް ކޯޓަށް ހުށައަޅާފައެވެ. ކޯޓުގައި ފުލުހުން ވަނީ، އޭނާގެ އަމިއްލަ އެކައުންޓުން ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައިވާކަމަށާއި، އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަކީވެސް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެވިއްކުންކަމަށެވެ. އޭނައަކީ އެކަމުގައި ވަރަށް އިސްކޮށް އުޅޭ މީހެއްކަމުން ފުލުހުން ވަނީ އޭނާ ފިލައިގެން ގޮސްދާނެކަމުގެ ބިރު އޮތްކަމަށްވެސް ބުނެފައެވެ. އެހެންކަމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ.
މުޙައްމަދު ފިރުދައުސްއަށްވެސް ފުލުހުން ތުހުމަތުކޮށްފައިވަނީ، ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ މީހެއްކަމަށާއި، އޭނާއަކީ ނެޓްވޯކެއްގެ ތެރެއިން ޖަމާއަތް ހަދައިގެން އެކަން ކުރާ މީހެއްކަމަށެވެ. ފުލުހުން ކޯޓުގައި ބުނެފައިވާގޮތުގައި އޭނާ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ)ގެ ވަސީލަތް ބޭނުންކޮށްގެންނެވެ. އޭނާއާއި ދެކޮޅަށްވެސް ފުލުހުން ވަނީ ހެކި ހުށައަޅާފައެވެ. ފިރުދައުސްގެ ފަރާތުން ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދިފައި ވީނަމަވެސް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އެންމެ ބޮޑު ބައެއް ފޮނުވާ ޤައުމަކީ ބަންގްލަދޭޝްކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރާ މަސައްކަތްތަކުގެ ދަށުން، ބޭރު ފައިސާ ބަދަލު ކުރުމާ ބެހޭ ސިޔާސަތުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އެންމެ ފުޅާ ދާއިރާގައި އުޅެނީ ބިދޭސީންކަމަށް ތުހުމަތުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ