އައިލެންޑް އޭވިއޭޝަން މުވައްޒަފުންގެ މުސާރަ އަލުން ބޮޑުކޮށްފި

ކޮވިޑު-19އާއި ގުޅިގެން ކުޑަކޮށްފައިވާ އައިލެންޑް އޭވިއޭޝަން މުވައްޒަފުންގެ މުސާރަ، ކޮވިޑުގެ ކުރިން ދެމުން އައި މިންވަރަށް އަލުން އިއާދަކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ. އެ ކުުންފުނީގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މޫސާ ވަސީމް "ސަން"އަށް ވިދާޅުވީ މުސާރަ ކުރިން ދިން ވަރަށް އިއާދަކުރާނީ ލިބޭ މުސާރައިގެ އަދަދަށް ބެލުމަށްފަހުކަމަށެވެ. އެގޮތުން 30،000 ރުފިޔާއަށް ވުރެ މަތީ މުސާރަ ލިބޭ މުވައްޒަފުންނަށް ކުރީގެ މުސާރަ އިއާދަކުރުމުން ލިބޭނީ މުސާރައިގެ 80 ޕަސެންޓުކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް 30،000 ރުފިޔާއަށްވުރެ ދަށް އަދަދެއް މުސާރަައިގެ ގޮތުގައި ލިބޭ މުވައްޒަފުންނަށް ކޮވިޑުގެ ކުރިން ދިން މުސާރައިގެ 100 ޕަސެންޓު ލިބޭނަކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މަހުގެ މުސާރަ ލިބޭއިރު މުސާރަ ލިބޭނީ އެ ބަދަލުތަކާއެކުކަމަށެވެ. މުސާރައިގެ މައްސަަލައިގައި މޯލްޑިވިއަންގެ ޕައިލެޓުންތަކެއް ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ. މުސާރައިގެ މައްސަލަ ގޯސްވެ، މުސާރައާ ގުޅުން ހުރި ކަންބޮޑުވުންތަކުގައި މޯލްޑިވިއަންގެ ޕައިލެޓުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކޮށްފައެވެ. ކޮވިޑާއެކު ކުންފުނީގެ ޕައިލެޓުންގެ މުސާރައިން 40 ޕަސެންޓަށް ވަނީ ކުޑަކޮށްފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މުސާރަ ބޮޑުކޮށްދީފައިނުވާތީ ޕައިލެޓުން އައީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ