ދިގުވެލިދޫގައި އެއާޕޯޓެއް އަޅަން ޔާމީން ވައުދުވެވަޑައިގެންފި

ޕީޕީއެމް ސަރުކާރެއްގައި ށ. އަތޮޅުގެ ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.ޕީޕީއެމްއިން މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީގެ ވެރިކަމެއްގައި ދިގުވެލިދޫ ވެގެންދާނީ ކޮމަންޑޫގެ ރައްޔިތުންނާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ކައިރިކޮށްދޭނެ އެއާޕޯޓެއް އޮންނަ ރަށަކަށް ކަމަށެވެ."މިތާކައިރީގަ މިއޮތް ދިގުވެލިދޫ އަކީ ﷲގެ ރަހުމަތާއެކީ ޕީޕީއެމްގެ ސަރުކާރެއްގައި ތިބޭފުޅުންނާ މާލެއާ އަދި ތިބޭފުޅުންނާ އެހެން ރަށްރަށާ ގާތްކޮށްދޭނެ ވައިގެ ބަނދަރެއް އޮންނާނެ ރަށެއް. ތިބޭފުޅުން ގަބޫލުކުރައްވާ،" ރައީސް ޔާމީން ވިދާޅުވިއެވެ.ކޮމަންޑޫ ދާއިރާއަކީ މަސްވެރި ސަރަހައްދެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެރަށް ކައިރީ އޮންނަ ކީކިމިނި އަލުން މަސްފެކްޓްރީއަކަށް ބަދަލުކޮށް އެތަނުގެ ފައިދާ ރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަނީ އިންތިހާބުތައް ކުރިމަތިވީމައި ނޫން ކަމަށެވެ. އަދި ކަންކަމާ ކުރިމަތިލައްވަނީ ރައްޔިތުންގެ ދަތި އިހުސާސްތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.ޔާމީން މިހެން ވިދާޅުވިއިރު، މި ސަރުކާރުންވެސް ވަނީ ކޮމަންޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުންގެ ގޮތުން ކޮމަންޑޫގެ އުތުރަށް އޮންނަ މަތިކޮމަންޑުއާ އެރަށާ ގުޅުވާލައި މަތިކޮމަންޑުއިން ކޮމަންޑޫ ރައްޔިތުންނަށް ބިން ދޫކުރަން ނިންމައިފައެވެ.އެ މަޝްރޫގެ މަސައްކަތް މާދަމާ ފަށަން ތައްޔާރުވެފައިވާއިރު، ކުރިޔަށް އޮތް ދޮޅު އަހަރެއްހާ ތެރޭ އެ މަސައްކަތް ނިންމާލެވޭނެކަމަށް ވަނީ ލަފާކޮށްފައެވެ.ސަރުކާރުން އެ މަޝްރޫއު އިއުލާންކުރުމާއެކު ބައެއް ފަރާތްތަކުން ވަނީ އެއީ ކެމްޕޭނަށް ދިމާކޮށް ކުރާކަމެއްކަމަށް ބުނެ ފާޑުކިޔައިފައެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވަނީ އެއީ ސަރުކާރުން ކޮމަންޑޫ ރައްޔިތުންނަށް ވީ ވައުދެއްކަމަށާއި އަދި އެ ފާޑުކިޔުންތަކަށް ފަރުވާލެއް ނެތި އެ މަސައްކަތްކުރާނެކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ