ޓޮންގާއަށް އެހީވާން ފޮނުވި މަނަވަރެއްގައި ހަލުވިކަމާއެކު ބަލިފެތުރެނީ

ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއްކަމަށްވާ ޓޮންގާގެ އަލިފާން ފަރުބަދައެއް ގޮވައި އެ ޤައުމަށް އެރި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބުމުން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަށްޓެރި އޮސްޓުރޭލިޔާއިން ފޮނުވި މަނަވަރެއްގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން ފަށައިފިއެވެ.
އޮސްޓުރޭލިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ޓޮންގާއަށް ދަތުރުކުރަމުންދާ މަނަވަރުގައި ތިބި 600 ފަޅުވެރިންގެ ތެރެއިން 23 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށާއި އެ މީހުންނާމެދު ޢަމަލުކުރާނެ ގޮތެއް ނިންމުމަށް ޓޮންގާގެ ސަރުކާރާ މަޝްވަރާކުރަމުންދާކަމަށެވެ. ކޯވިޑް-19ގެ އަސަރު އެއްވެސް ވަރަކަށް ނުކުރާ ޤައުމުތަކުގެ ތެރޭގައި ޓޮންގާ ހިމެނެއެވެ. އެހެންކަމުން އޮސްޓުރޭލިޔާއިން ފޮނުވި މަނަވަރުގެ ސަބަބުން ޓޮންގާގައި ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަންވަނީ ބޮޑުވެފައެވެ.
އޮސްޓުރޭލިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ޓޮންގާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަމަށާއި އެ ޤައުމަށް ކޯވިޑް-19ގެ އަސަރުނުކުރާނެ ގޮތަކަށް މަނަވަރުގައި ހުރި އެހީގެ ސާމާނު ބޭލޭނެ އިންތިޒާމުތައް ރާވަމުންދާކަމަށެވެ. އެ ވުޒާރާއިން ބުނެފައިވަނީ އެ މަނަވަރުން ފޯރުކޮށްދޭ އެހީތެރިކަމުގެ ތެރޭގައި ކުއްލި ޙާލަތްތަކުގައި ބޭނުންވާ ސާމާނާއި ބޯފެން އުފައްދާ ވަޞީލަތްތަކާއި ޞިއްހީ ސާމާނާއި ހެލިކޮޕުޓަރަކާއި އިންޖިނޭރުން ހިމެނޭކަމަށެވެ.
ޖަނަވަރީ މަހުގެ 15ވަނަ ދުވަހު 105،000 މީހުންގެ އާބާދީއެއް އޮންނަ ޓޮންގާއަށް އެރި ސުނާމީގައި ތިން މީހުން މަރުވެ އެ ޤައުމުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. އަދި ކަރަންޓާއި މުވާޞަލާތީ ގުޅުންތައް ކެނޑުމުގެ ސަބަބުން އެ ޤައުމުގެ ޙާލަތު ދެނެގަތުމަށްވަނީ އުނދަގޫވެފައެވެ.
ޓޮންގާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮސްޓުރޭލިޔާގެ އިތުރުން ނިޔު ޒީލޭންޑާއި ޖަޕާނާއި އިނގިރޭސިވިލާތުންވަނީ ވައިގެ މަގުންނާއި ކަނޑު މަގުން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ