އައްޑޫ ރައްޔިތުން ބިކަވާތީ އޭޑީސީން ކަންބޮޑުވުން ފާޅުކޮށްފި

އައްޑޫ ސިޓީގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރަމުން އައި ހުރިހާ މަސައްކަތެއް ނެތި ފަނާވަމުން ދިއުމާ ގުޅިގެން އައްޑޫ ރައޔްިތުން ބިކަވާތީ އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޭޑީސީން ނެރުނު ނޫސްބަޔާނުގައި ބުނީ، ވޭތުވެދިޔަ 55 އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނައި އިގްތިސޯދީ ތަރައްގީން އައްޑުއަތޮޅު އެކަހެރިކޮށްފައިވާ ކަމަށެވެ.
އެ ކޮމިޓީން ބުނީ، އައްޑޫ ރައްޔިތުންގެ އުއްމީދުތަކުގެ ނާރެސް ކަމުގައިވާ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދެމެހެއްޓެނިވި އިގްތިސޯދީ ދިރުމެއް ނުގެނެސް ފަޅުތަނެއްގެ ގޮތުގައި ބާއްވާފައިވާ ކަމަށެވެ. އަދި އެއީ އައްޑޫގެ ތަރައްގީއަށް ދެވިފައިވާ އެންމެ ބޮޑު ދެރަ ކަމަށް އެ ކޮމިޓީން ބުނެއެވެ.
އޭޑީސީން ބުނީ އައްޑޫގެ ފަތުރުވެރިކަމުގެ ވިޔަފާރިތައް ތައާރަފްކޮށް ދެމެހެއްޓެނި ގޮތުގައި ރައްޔިތުންނަށް ފައިދާކުރަނިވި ގޮތެއްގައި އެ ވިޔަފަރި ކުރިއަށް ގެންދެވޭނެ މަގުވެސް ދައްކާފައި ނުވާ ކަމަށެވެ. އަދި މި ހާލަތްތައް ދިގިދެމިގެން ގޮސްފައިވާތީ އައްޑޫގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިހާލަތްތަކަށް ދިވެހި ދައުލަތާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ ޒިންމާ އޮތް ކަމަށް ވެސް އެ ކޮމިޓީން ބުނެއެވެ.
އޭޑީސީން ވަނީ އައްޑޫއަށް ޓީމެއް ފޮނުވައިގެން ނަމަވެސް އައްޑޫގެ ރައްޔިތުންގެ ހާލަތު ބަލާ އާމްދަނީ ގެއްލިފައިވާ މީހުންނަށް އެއްވެސް ޝަރުތެއް ކުރިމަތިނުކޮށް އިތުރު ތަކުލީފުތަކެއް ނުޖައްސާ ކޮންމެ މަހަކު 5000 ރުފިޔާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައެވެ.
މިކަމާ ގުޅިގެން އޭޑީސީގެ ނައިބު ރައީސް، އަހްމަދު ޝަރީފް ވިދާޅުވީ، އައްޑޫ ރައްޔިތުންނަކީ ޒަމާނުއްސުރެ ބުރަ މަސައްކަތް ކޮށްގެން އަނބިދަރިންނަށް ކާންދީ ތައުލީމު ދީގެން އަޅުކަމުގައި ވަގުތު ހޭދަކުރަމުންދާ ބައެއް ކަމަށެވެ. ނަމަވެސް ސަރުކަރުގެ އެކި ސިޔާސަތުތަކުގެ ސަބަބުން އާއިލާތައް ވިއްސި ވިހާލިވެ، ލިބެމުން އައި އާމްދަނީ ހުއްޓި ބިކަ ހާލުގައި އުޅެން ޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭޑީސީން މިހެން ބުނެފައިވާއިރު، އައްޑޫގައި ހިންގާ ދެ ރިސޯޓް ވަނީ ދާދި ފަހުން ބަންދުކޮށްފައެވެ. އެހެންކަމުން އެ ދެ ރިސޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ