އައްޑޫ ސިޓީގައި ގާއިމުކުރާ ފަސް އިކޯ ޓޫރިޒަމް ޒޯން މަޝްރޫއުގެ ކޮންޓްރެކްޓް ހަވާލުކޮށްފި

އައްޑޫ ސިޓީގައި ގާއިމުކުރާ ފަސް އިކޯ ޓޫރިޒަމް ޒޯން މަޝްރޫއުގެ ކޮންޓްރެކްޓް ހަވާލުކޮށްފިއެވެ.
އިކޯ ޓޫރިޒަމް ޒޯންތައް ގާއިމުކުރެވެނީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގައެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓް ހަވާލުކުރުމަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރާއި، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި، އައްޑޫ ސިޓީ ތަމްސީލުކުރައްވާ މަޖިލިސް މެބްބަރުންނާއި، ފޮރިން މިނިސްޓްރީ، ރައީސް އޮފީސް އަދި އިންޑިއާ ހައި ކޮމިޝަންގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އައްޑޫ ސިޓީގައި ފަސް އިކޯ ޓޯރިޒަމް ޒޯން ގާއިމުކުރުމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ހައި ކޮމިޝަނާއި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ މަޝްރޫއުގެ އިމްޕްލިމެންޓިން އޭޖެންސީއަކީ އައްޑޫ ސިޓީ ކައުންސިލެވެ. އެގޮތުން ޓެންޑަރިން، ޓެންޑާ އިވޭލުއޭޝަން، ކޮންޓްރެކްޓް ހަވާލުކުރުން އަދި މަޝްރޫއު ހިންގަމުން އަންނަ ގޮތް ބަލައި މޮނިޓާ ކުރާނީ އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުންނެވެ.
އެ މަޝްރޫއުތައް ކުރިއަށް ގެންދެވެނީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖެއަށް ފޯރުކޮށްދެވިފައިވާ 85 މިލިއަން ރުފިޔާ (5.5 މިލިއަން ޑޮލަރު)ގެ އެހީގެ ދަށުންނެވެ. މި ގްރާންޓްގެ ދަށުން ހިންގޭ މިފަދަ ނުވަ ހައި-އިމްޕެކްޓް މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދެއެވެ. މީގެ ތެރެއިން އައްޑޫ ސިޓީގައި ގާއިމުކުރެވޭ ގޭދޮށު މަސް ޕްލާންޓްތަކުގެ ކޮންޓްރެކްޓް ވަނީ ހަވާލު ކުރެވިފައެވެ. އަދި ނުވަ މަޝްރޫއު މޮބިލައިޒް ކުރުމަށް ބޭނުންވާ އެޑްވާންސް، މިދިޔަ މަހުގެ 28 ވަނަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވަނީ ހަވާލުކުރެވިފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އިންޑިއާގެ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ބޭނުމަކީ ކައުންސިލްތައް ބާރުވެރިކުރުވައި ޒިންމާދާރުކޮށް، ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، ރަށުގެ އިގުތިސާދު ކުރިއެރުވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ