ރައީސް ނަޝީދު ލިޔުއްވި ތާރީޚީ ފޮތެއްގައި މައުލޫމާތުގެ ކުށްތަކެއް އެބަހުރި!

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ތާރީޚީ ފޮތެއް ކަމަށްވާ "ދެ ރަދުން" ނަމަކަށް ކިޔާ ފޮތުގައި ސައްހަ ނޫން، ކުށް މައުލޫމާތު އެބަހުރި ކަމަށް ރާއްޖޭގެ ތާރީޚް ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ އަހްމަދު އަލާ ދީދީ ވިދާޅުވެއްޖެއެވެ.
އަހްމަދު އަލާ "މިހާރު" ނޫހުގައި ރައީސް ނަޝީދުގެ ފޮތާއި ގުޅޭ ގޮތުން ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވީ ފޮތުގެ 53 ވަނަ ސަފުހާގައި ކޮރުބަންޑާރައިންގެ އާއިލާ އާއި ގުޅޭ ގޮތުން ހުރި މައުލޫމާތުތައް ސައްހަ ނޫން ކަމަށެވެ.
"މި ޕެރެގްރާފުގައި ވަރަށް މައްސަލަ އެބަ އުޅެ އެވެ. ކޮރުބަންޑާރައިންގެ މަންމާފުޅަކީ ފަސްމަންދޫ ހަކުރާތަކުރުފާނުގެ "އަތިރީކަމަނާގެ" ބޭފުޅެކެވެ. ދެން އޮތް ޖުމްލައިގެ ރަނގަޅު ގޮތަކީ، ނޮޅިވަރަމް ބޮޑު ހަނދޭގިރިތަކުރުފާނަކީ އިބްރާހިމް ރަސްގެފާނާއި ކޮރުބަންޑާރައިންގެ ބޮޑުބޭބޭފުޅުކަމުގައި ބަޔާންކުރުމެވެ. މިއީ ތިން ބޭން ކަމުގައެއް ނުވެ އެވެ. ދެން އޭގެ ފަހުން އޮތް "ދޮންބީނާގޭ އައިމިނަތުދީދީގެ ބައްޕައަކީ ފަސްމަންދޫ ހަކުރާތަކުރުފާނަށް މުނިކާފަ ވިދާޅުވާ ފަސްމަންދޫ އަލީ ދޮށިމޭނާމަނިކުފާނު" ކަމުގައި ބަޔާންކުރައްވާފައިވާއިރު، ފަސްމަންދޫ ހަކުރާތަކުރުފާނަކީ މި އަލީ ދޮށިމޭނާމަނިކުފާނުގެ ކާފަ އެވެ. މުނިކާފައެއް ނޫނެވެ. އަދި މާންދޫގޭ ދީދީގެ ކާފަކަމުގައި އެ ވިދާޅުވާ ޚަތީބު މުހައްމަދު މަނިކުފާނާއި ދޮންބީނާގޭ އައިމިނާދީދިއާ އެއްބަފާ ކަމެއް އެނގޭކަށް ނެތެވެ." އަހްމަދު އަލާ ލިޔުއްވާފައި ވެއެވެ.
ކުށްތަކުގެ ސަބަބުން، ލިޔުންތެރިޔާގެ މައިގަނޑު ބަހުސް ކަމަށްވާ، މާންދޫގޭ ދީދީއަކީ ފަސްމަންދޫ އާއިލާއާ ގުޅިފައިވާ ބޭފުޅެއްކަން، މި މައިގަނޑު ޕޮއިންޓަކަށް ޝުބުހާއެއް ނާންނަ ކަމަށް ވެސް އަހްމަދު އަލާ ލިޔުއްވާފައި ވެއެވެ.
"ދެ ރަދުން" ފޮތަކީ އިލްމީ އެތައް ދާއިރާތަކަކާ ގުޅިފައިވާ ފޮތެއް ކަމަށާއި ޕޮލިޓިކަލް ސައިންސާއި އިންޓަނޭޝަނަލް ރިލޭޝަންސް، އިކޮނޮމިކްސް އަދި ސޯޝިއޮލޮޖީ ފަދަ ދާއިރާތަކުން ކުރިޔަށްދާން އެދޭ ކޮންމެ މީހަކަށްމެ އެމީހެއްގެ ދާއިރާއާ ގުޅޭ ގޮތުން ދިރާސާކުރުމަށް ހެޔޮ މަންޒަރެއް ދައްކުވައިދޭނެ އަދި އެތައް މައުލޫމާތެއް ލިއްބައިދޭނެ ފޮތެއްކަމުގައި މިފޮތް ވާނެ ކަމަށް ވެސް އަހްމަދު އަލާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ