ފްލެޓް އަދި ހައުސިންގ ޔުނިޓްތަކުގެ ކުލި ދެއްކުން އަނެއްކާވެސް ފަސްކޮށްދީފި

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެއާއި، އަތޮޅު ތެރެއިން ދޫކޮށްފައިވާ ފުލެޓު އަދި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލިދެއްކުން އިތުރަށް ފަސްކޮށްދީފިއެވެ.
ހައުސިންގ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން ދެއްވި 06 މަސް ދުވަހުގެ ކުލި ފަސްކުރުމުގެ މުއްދަތު އޮގަސްޓް 31 އަށް ހަމަވެފައިވާ ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ފަރާތްތަކަކުން މުއްދަތު އިތުރު ކޮށްދެއްވުމަށް އެދެމުންދާތީވެ ސެޕްޓެމްބަރު 2020 އިން ނޮވެމްބަރު 2020 ނިޔަލަށް 03 މަހަށް ކުލި ނެގުން ފަސްކުރުމަށް ނިންމިފައިވާ ކަމަށެވެ.
އެގޮތުން ކުލި ފަސްކުރާ މިމުއްދަތުގައި މެއިންޓެނެންސް ފީ ދައްކަންޖެހޭނެކަމަށާއި، ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
އެހެންކަމުން ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 އޮކްޓޯބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ކުރިން އައިޑީކާޑުގެ ކޮޕީއާއި އެ މިނިސްޓްރީއާއެކު ކުރެވިފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެ ގޮތަށް މިނިސްޓްރީގެ އީމެއިލް beneficiary@planning.gov.mv އަށް މެއިލްކުރުމަށް ވަނީ އެދިފައެވެ.
ފޮޓޯ: ސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ