ބޮޑެތި ބޯޓު ފަހަރަށް ކައިރި ކުރެވޭ ގޮތަށް ކުޅުދުއްފުށީ ބަނދަރު ތަރައްޤީ ކުރަނީ

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ތަރައްޤީ ކުރުމުގެ ޕްލޭނެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަކީ އުުތުރުގެ ތަރައްޤީގެ މުހިއްމު ބައެއް ކަމަށާއި، ބަނދަރު އިތުރަށް ތަރައްޤީ ކުރުމަށް ޕްލޭނެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޝާހިދު ވިދާޅުވީ މިހާރު ކުޅުދުއްފުށީ ބަނދަރު ހެދިފައިވާ ގޮތުން ބަނދަރަށް ކައިރި ކުރެވެނޭ 1000 ޓަނުގެ ބޯޓުފަހަރަށް ކަމަށެވެ. އަދި އެއަށްވުރެ ބޮޑު ބޯޓެއް ކައިރިކޮށްފި ނަމަ ޖެހެނީ ބަނދަރުން ބޭރުގައި އެންކާރ ކުރުމަށްފަހު މުދާ ބާލަންކަމަށެވެ. އަދި މިއީ ދަތި ހަރަދު ބޮޑު ގޮތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކުޅުދުއްފުށީ ބަނދަރަށް ބޭނުންވާ ޓަގް ބޯޓާއި، ބާޖެއް ގެންދިއުމުގެ މަސައްކަތް އެމްޕީއެލް އިން ކުރަމުންދާ ކަމަށެވެ.
ކުޅުދުއްފުއްޓާއި، ކޮޗިން އާއި ދެމެދު ކާގޯ ފެރީގެ ހިދްމަތް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ އިރު ކުޅުދުއްފުއްޓަށް ކައިރި ކުރި ފުރަތަމަ ބޯޓުން މުދާ ބާލަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
ޝާހިދު ވިދާޅުވީ އެކަން ހައްލުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކޮޗިން، ކުޅުދުއްފުށީ ކާގޯ ފެރީ އޮޕަރޭޓު ކުރެވޭނެ ގޮތް ހަމަޖައްސާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން އުތުރުގެ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބިގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ