އޮލިމްޕިލް ކޮމިޓީއާ ދެމެދު އެއްވެސް ގުޅުމެއް ނެތް: މަހްލޫފް

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ކުޅިވަރާ ބެހޭ ވުޒާރާއާއި ދެމެދު އެއްވެސް ގުޅުމެއް ނެތޭ ދެންނެވޭހާ ވެސް ގުޅުން ހީނަރުވެފައިވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. މަހްލޫފް މިހެން ވިދާޅުވީ "ރާއްޖެޓީވީ" އިން ރޭ ގެނެސްދިން ކުޅިވަރު ފައިލް ޕްރޮގުރާމުގަ އެވެ. އެ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، އޮލިމްޕިކް ކޮމިޓީއާ ދެމެދު ގުޅުން ނެތް ނަމަވެސް އެކަމުގެ ފަޅުކަން އެހާ ބޮޑަށް ފާހަގަ ނުވަނީ އެ މިނިސްޓްރީއާއި ގައުމީ އެސޯސިއޭޝަންތަކާ ދެމެދު އޮތް ގުޅުން ރަނގަޅުވުމުން ކަމަށެވެ. އެހެން ނަމަވެސް އެމްއޯސީއާ ދޭތެރޭ ގުޅުން ރަނގަޅު ނަމަ، އިތުރަށް އެސޯސިއޭޝަންތަކުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަން މަހްލޫފް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެމްއޯސީގެ ރައީސްގެ މަގާމަށް ދެ ވަނަ ދައުރަކަށް ރާއްޖޭގެ ކުޅިވަރުގެ އެންމެ ޝަރަފްވެރި މަގާމަށް 2013 ވަނަ އަހަރުގެ ޖުލައި މަހު އިންތިހާބުވެވަޑައިގެންނެވި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދު އިންތިހާބުވެވަޑައިގެންނެވީ 2017 ވަނަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު އެވެ. އެ މަގާމަށް ހޮވުމާ އެކު ޝަވީދު އޭރު ވިދާޅުވީ، މިއީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރައްވާނެ ފަހު ދައުރު ކަމަށާއި މި ދައުރަށް ފަހު އާ ލީޑާޝިޕާ ތަން ހަވާލުކުރާނީ މިނިވަންތަނެއްގެ ގޮތުގައި ކަމަށެވެ. "ޝަވީދުގެ އިންޓްރެސްޓް މިހާރު ފެންނަނީ ވަރަށް ކުޑަކޮށް. ޝަވީދު މަސައްކަތް ކުރައްވާތަން ފެނިވަޑައިގަންވަނީ ކުޅިވަރާ ވަރަށް ދުރުން. ދެން އެތަނުގައި ހުންނަވާނީ މަރްޒޫގް. އަޅުގަނޑު ގަބޫލު ކުރަނީ މަރްޒޫގްގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށް އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރެއްވުމަކީ،" މަހްލޫފް ރޭގެ ޕްރޮގުރާމުގައި ވިދާޅުވި އެވެ. މަހްލޫފް ވިދާޅުވީ، އޮލިމްޕިކް ކޮމިޓީން މުޅިން އަލަށް ބައްދަލުކޮށްލައްވަން ބޭނުންވާކަމަށް އެދި ސިޓީއެއް އިއްޔެ ފޮނުވާފައި އޮތް ކަމަށެވެ. އެ ސިޓީއަކީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ބޭނުންވާކަމަށް ބުނެ އެމްއޯސީގެ އެކްސްކޯއިން ފޮނުވާފައިވާ ސިޓީއެއްކަމަށް މަހްލޫފް ވިދާޅުވި އެވެ. "އަޅުގަނޑު މިތަނާ ހަވާލުވިފަހުން އަދިކިރިޔާ ކުޅިވަރާ ބެހޭ މިނިސްޓަރާ ބައްދަލު ކުރައްވަން ބޭނުންވާ ކަމަށް އެދި ސިޓީއެއް އެ ފޮނުވީ، މާދަން [މިއަދު] އަޅުގަނޑު ބައްދަލު ކުރާނަން." މީގެ އިތުރުން އަންނަ ފަހަރުގެ އޮލިމްޕިކް އިންތިހާބުގައި މިހާރު ނެތް ގުޅުން ރަނގަޅު ކުރުމަށް ހެޔޮ ބަދަލުތަކެއް އައުމަށް އުންމީދު ކުރައްވާ ކަމަށާއި، އެ ކޮމިޓީއަކީ ކުޅިވަރުގެ އެންމެ އިސްދައުރެއް އަދާކުރަން ޖެހޭ އެއް ބޮޑީ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އޮލިމްޕިކް ކޮމިޓީގެ އިންތިހާބީ ކޮންގްރެސް އެންމެ ފަހުން ބޭއްވިއިރު، ކޮންމެ މަގާމަކަށް އެންމެ ފަރާތެއް ކުރިމަތިލައްވާފައިވާތީ ހުރިހާ ފަރާތެއް ވަނީ އޮޓޮމެޓިކުން ހޮވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ