އުފުލި ހުރިހާ ދައުވާތައް ބާތިލް، އަދީބް މިނިވަންވެއްޖެ

ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އުފުލާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ނިންމައި އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ހަތްދަޢުވާއަކީ ހިޔާނާތުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދެ ދައުވާ އަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
މި މައްސަލަތައް ނިމެންދެން އަދީބު ބަންދު ކުރަން މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ. ނަމަވެސް މި މައްސަލަތައް ބާތިލު ކުރުމަށް މިއަދު ނިންމި ނިންމުމާއެކު އޭނާ ވަނީ ބަންދުން މުޅިން މިނިވަންވެފައެވެ.
އެ ދައުވާތަކަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް އަދީބާއި ދައުލަތާ ދެމެދު ހަދާފައި އޮވެ އެވެ. އެކަމަކު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވެފައި ވަނީ އޭރު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭނާ ޖަލުގައި ހުންނެވިއިރު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އައިޝަތު ބިޝާމާއި އޭރުގެ ބައެއް ފުލުހުންގެ އިސްވެރިން ޔަގީންކަން ދެއްވުމުން ކަމަށެވެ. އެހެންވެ، ފަނޑިޔާރުގެ ގިނަ ސުވާލުތަކެއް އެ އަޑުއެހުމުގައި ދައުލަތަށް އަމާޒުވި އެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް މިއަދު ކޯޓުން ބޭރުކޮށްލީ އެ މައްސަލައިގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ގާޒީ އިސްމާއިލް ރަޝީދެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އެ އެއްބަސްވުމާ ގުޅޭގޮތުން ގޮތެއް ނިންމަވަމުން އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، ބޭސްފަރުވާ ލިބުމަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށް ލިބެންޖެހޭ ހައްގެއް ކަމަށާއި ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން ޖަލުގައި ތިބޭ ގައިދީންނަށް ފަރުވާ ދިނުމަކީ ދައުލަތަށް ލާޒިމު ކަމެއް ކަމަށެވެ. ބޭސްފަރުވާ ލިބޭނީ ވަކި ކުށްތަކަކަށް އިއުތިރާފްވުމުން ކަމަށް ޝަރުތުކޮށް، އެއްބަސްވުން ހެދުމުގެ ބާރެއް ދައުލަަތަށް ނޯންނާނެ ކަމަށާއި އެއީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ގާޒީ އިސްމާއިލް ވިދާޅުވި އެވެ.
އަދީބުގެ މައްޗަށް މީގެ ކުރިން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ގިނަ ދައުވާތަކެއް އުފުލި އެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އޭނާގެ މައްޗަށް ހުކުމްވެސް އައިސްފައިވެ އެވެ. އެހެން ނަމަވެސް ހައިކޯޓުން ވަނީ ފަހުން އެ ހުކުމްތައް ބާތިލްކޮށްފައި އެވެ. އޭރު އެ މައްސަލަތައް ބާތިލްކުރީ އޭނާގެ މައްޗަށް އޭރު ދައުވާތައް ކޮށްފައި ވަނީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި ހިލާފަށް ސިޔާސީ ނުފޫޒު ވަދެފައިވާ ތަހްގީގުތަކެއްގެ މައްޗަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ. ނަމަވެސް ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ އާއި ދައުވާތައް ބާތިލްކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އޮތީ އިސްތިއުނާފުކޮށްފައެވެ.
އެ ދައުވާތައް ބާތިލް ކުރުމާ އެކު، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި އަދީބު އެއްކޮށް މިނިވަންވީ އެވެ. އޭނާގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލައެއް ކޯޓެއްގައި މިހާރަކު ނެތެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ އިސްމާއިލް އެގޮތަށް ނިންމަވަން ފެށްޓެވުމުން، އިއުތިރާފްގެ އެއްބަސްވުމާ ގުޅޭގޮތުން މިއަދު ވެސް ވާހަކަ ދައްކަން ދައުލަތުން މަސައްކަތްކުރި އެވެ. ކުރީގެ އަޑުއެހުމެކޭ އެއްގޮތަށް ދައުލަތުން މިއަދު ވެސް ބުނީ އިއުތިރާފްގެ އެއްބަސްވުމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހެދީ އަދީބު ބޭނުންވެގެން ކަމަށާއި އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ގާނޫނު އޮތްގޮތުން އިބްތިދާއީ އަޑުއެހުންތަކުގައި ކުރިއަށް ގެންދަން ޖެހޭނީ ދައުވާ ސާފުކޮށް ދިނުމާއި ހައްގުތައް ބަޔާންކޮށް ދިނުމުގެ މަރުހަލާ ކަން ވެސް ދައުލަތުން ފާހަަގަކުރި އެވެ.
އަދީބުގެ މައްޗަށް އޭގެ ކުރިންކޮށްފައިވާ އެކި ދައުވާތަކާއި ގުޅިގެން 33 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެކަމަކު އެ ހުކުމްތައް ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓުން އޮތީ ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ