ބަނގުރާ ފުޅިތަކަކާއެކު ވިލިމާލެއިން ދެ މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ މީހަކު ވިލިމާލޭން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 50 އަހަރުގެ އިންޑިއާ ދެ ފިރިހެނުން ކަމަށެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ ވިލިމާލޭގައި ބަނގުރާ ބޭނުންކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާގުޅިގެން، މި މަހުގެ 3 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައެވެ. އެ އޮޕަރޭޝަނުގައި، އެ ދެ މީހުން އެވަގުތު ތިބި ގެ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ އަށް ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް، ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމަށް ދެ ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ