ކޯޓުތަކުގެ އިސް ފަނޑިޔާރުން އައްޔަނުކުރުމުގެ އާ ގަވާއިދު ގެޒެޓް ކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނު ކުރާނެ ގޮތުގެ އާ ގަވާއިދު ގެޒެޓް ކޮށްފި އެވެ.
މިއަދު އާންމުކުރި އާ ގަވާއިދުގައި ވަނީ ކުރިން އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި ގެންގުޅުނު އުސޫލުތަކަށް ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި ކުރިންވެސް އަމަލު ކުރަމުން އައި، ޖޭއެސްސީގެ މެންބަރުންގެ މެދުގައި ވޯޓު ނަގާ އުސޫލަށް ބަދަލު ނެގަސްފައި ނުވި ނަމަވެސް ވޯޓު ނަގާ ގޮތަށް ވަނީ ބަދަލު ގެނަސްފައެވެ.
ކުރިން އަމަލު ކުރާ އުސޫލަކީ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް ނެގުމެވެ. އާ ގަވާއިދުގައި ބުނާ ގޮތުން މެންބަރުންގެ މެދުގައި ވޯޓު ނަގަން ޖެހެނީ މެންބަރުން އަތް އުފުލާ ގޮތަށެވެ.
ޖޭއެސްސީ އިން ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމުތަކަށް ކުރިމަތިލާ ކޮންމެ ފަނޑިޔާރަކު އެ ކޮމިޝަނުން އިންޓަވިއު ކުރަން ޖެހޭނެ ކަމަށް އާ ގަވާއިދުގައި ވެއެވެ.
އެއީ ހައި ކޯޓުގެ އިސް ފަނޑިޔާރާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި، ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ކަނޑައެޅުމުގެ ގަވާއިދެވެ.
ކުރިން އޮންނަ ގޮތުން ނަމަ ކުރިމަތިލާ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފެންނަ ފަނޑިޔާރުން "ޝޯޓް ލިސްޓް" ކުރެވި އިންޓަވިއު ކުރެވެނީ އެ ފަނޑިޔާރުން އެކަންޏެވެ. ގަވާއިދަށް ގެނައި އެ ބަދަލުގެ ސަބަބުން "ޝޯޓް ލިސްޓް" ކުރުމުގެ މަރުހަލާއެއް މިހާރަކު ނޯންނާނެއެވެ.
އާ އުސޫލުގައި އިންޓަވިއު ކުރެވޭ ފަނޑިޔާރުންނަށް މާކްސް ދެވޭ އުސޫލަށް ވެސް ބަދަލުތަކެއް ގެނަސްފައި ވެއެވެ. އެގޮތުން ކުރިން އޮންނަނީ އިންޓަވިއު ކުރެވޭ ފަނޑިޔާރުންނަށް ވަކި ޖުމުލަ އަދަދަކުން ޕޮއިންޓް ކަނޑައަޅާ އުސޫލެކެވެ. އެކަމަކު އާ ގަވާއިދުގައި ވަނީ ތިން ކެޓަގަރީއަކަށް ގްރޭޑް ކުރުމަށެވެ. އެއީ "ހައިލީ ރެކޮމެންޑެންޑް" ނުވަތަ "ރެކޮމެންޑެޑް" ނުވަތަ "ނޮޓް ރެކޮމެންޑެޑް" އެވެ.
އިންޓަވިއު ކުރެވޭ ފަނޑިޔާރުންގެ ގްރޭޑް ޝީޓެއް އެކުލަވާލަން ވެސް ގަވާއިދުގައިވެއެވެ. އަދި އިންޓަވިއު ނިމުމުން އިންޓަވިއު ޕެނަލްގައި ތިއްބެވި ބޭފުޅުން އެ ގްރޭޑް ޝީޓްތަކުގައި ވަގުތުން ސޮއި ކުރައްވަން ޖެހޭނެ ކަމަށް ގަވާއިދުގައި ވެއެވެ.
ކޮމިޝަންގައި ފަނޑިޔާރުންނަށް ވޯޓަށް އަހާނީ ގްރޭޑް ކުރެވިފައިވާ ތަރުތީބުންނެވެ. އެއް ފަނޑިޔާރަކަަށް ވުރެ ގިނަ ފަނޑިޔާރުންނަށް އެއް މިންގަނޑަކަށް ގްރޭޑް ކުރެވިފައިވާނަމަ ވޯޓަށް އަހާނީ ފަނޑިޔާރު ކަމުގައި މަސައްކަތް ކުރެއްވި މުއްދަތުގެ ތަރުތީބަށެވެ.
މީގެ އިތުރުން އިންޓަވިއު ކުރުމަށްފަހު ފަނޑިޔާރުން އިސް ފަނޑިޔާރުކަމަށް އިންތިހާބު ކުރެވުނުކަން ނުވަތަ ނޫންކަންވެސް އަންގަންވާނެކަމަށް އާ ގަވާއިދުގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ