10،000 އެނދުގެ ވަގުތީ ހޮސްޕިޓަލެއް ދިއްލީގައި

ނިއު ދިއްލީ (ޖުލައި 2) - ދުނިޔޭގެ އެންމެ ބޮޑު ވަގުތީ ހޮސްޕިޓަލް ނިއު ދިއްލީގައި ހުޅުވައިފި އެވެ.
ގާތްގަނޑަކަށް 10،000 އެނދު ހިމެނޭ ހޮސްޕިޓަލް ހުޅުވި އިރު އިންޑިއާގެ ވެރިރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 87،000 އަށް އަރައިފަ އެވެ. ޖޫން މަހު އެކަނި ނިއު ދިއްލީން ވަނީ 50،000 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ސިޓީން ވަނީ 2،742 މީހުން މަރުވެފަ އެވެ.
ވަގުތީ ހޮސްޕިޓަލްގެ އެނދުތައް ހަދާފައި ވަނީ ވަރަށް އަގު ހެޔޮކޮށެވެ. ކާޑްބޯޑުން ހެދި އެނދުތަކަށް ޚަރަދުކޮށްފައި ވަނީ އެނދަކަށް 1،200 ރުޕީސް (16 ޑޮލަރު) އެވެ. ނަމަވެސް އެނދުތަކަށް ވަނީ ދެ އަހަރުގެ ވޮރަންޓީ ދީފަ އެވެ.
އަނެއްކޮޅުން ވޭތުވެދިޔަ 12 ދުވަސްތެރޭ އިންޑިއާ އިން ވަނީ 200،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ.
ވަގުތީ ހޮސްޕިޓަލުގެ އެނދަކަށް ޚަރަދުކޮށްފައި ވަނީ 16 ޑޮލަރު. --ފޮޓޯ:ރޮއިޓާސް
ކަންބޮޑުވާން ޖެހޭ މިންވަރަށް އިންޑިއާގައި ޕޮޒިޓިވް ކޭސް އިތުރުވާ އިރު އެ ގައުމުން މިހާތަނަށް ވަނީ 605,220 މީހުން ޕޮޒިޓިވްވެ 17،848 މީހުން މަރުވެފަ އެވެ.
ކޮރޯނާވައިރަސް ފެތުރޭތީ އިންޑިއާ ލޮކްޑައުނަކަށް ދިޔައީ މާޗް މަހު 25 ގަ އެވެ. އެކަމަކު ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް އިންޑިއާ އިން ވަނީ ޖޫން މަހު ކުރީކޮޅު ލޮކްޑައުން އަށް ލުއިދޭން ފަށައިފަ އެވެ. މިދިޔަ މަހަކީ އިންޑިއާގެ ހާލަތު އެންމެ ގޯސް މަހެވެ. އިންޑިއާ އިން ބަލި ޖެހުނު މީހުންގެ 70 ޕަސެންޓް ޕޮޒިޓިވްވެފައި ވަނީ ޖޫން މަހު އެވެ.
އޮފިޝަލުން ލަފާކުރަނީ ކުރިއަށް އޮތް ވިއްސާރަ މޫސުން (ޖުލައި އިން ސެޕްޓެމްބަރަށް) އިންޑިއާގައި ބަލި ޕީކަށް އަރާނެ ކަމަށެވެ. ނަމަވެސް މަހާރާޝްތުރާ، ޓަމިލް ނާޑޫ އަދި ޖަރްކަންދު ފަދަ ސްޓޭޓްތަކުގައި ކޭސްތައް އިތުރުވާން ފެށުމުން ވަނީ އަލުން ލޮކްޑައުން އަށް ދާން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ