އެފްއޭއެމްގެ ރައީސްކަމަށް އަނެއްކާވެސް ބައްސާމް އިންތިހާބު ކޮށްފި

އެފްއޭއެމްގެ ކޮންގްރެސް ބާއްވައި، ބައްސާމް އަދީލް ޖަލީލް ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ ރައީސްކަމަށް އަނެއްކާވެސް އިންތިހާބު ކޮށްފި އެވެ. ކޮންގްރެސްގައި ބައްސާމްގެ އެކްސްކޯ އިންތިހާބު ކުރުމަށް ކުލަބުތަކުން ވަނީ ވޯޓް ދީފަ އެވެ. ކޮންގްރެސްގައި ބައިވެރިވީ މާޒިޔާ، އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީންސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ، ޕީކޭ، ޖޭޖޭ ސްޕޯޓްސް، މަހިބަދޫ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ރެޑްލައިން ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އިންތިހާބަށް ކުރިމަތިލެއްވީ ބައްސާމް އެކަންޏެވެ. ބައްސާމްގެ އެގެޒެކެޓިވް ކޮމިޓީގައި ނައިބު ރައީސުންނަކީ، އެފްއޭއެގެ ޑެޕިއުޓީ ޖެނަރަލް ސެކެޓްރީގެ މަގާމުގައި އެންމެ ފަހުން ހުންނެވި ކުރީގެ ފޯވަޑް އަލީ އުމަރާއި ބައްސާމްގެ ކުރީގެ އެކްސްކޯގައިވެސް ހިމެނިވަޑައިގަންނަވާ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ. އެކްސްކޯ މެންބަރުންގެ ތެރޭގައި ހިމެނެނީ، ބައްސާމްގެ ކުރީގެ ނައިބު ރައީސް އަހްމަދު ޝަކީބު، ނިމިދިޔަ ދައުރުގެ އެކްސްކޯ މެންބަރުގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާއު، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ)، ކުރީގެ ސްޕޯޓްސް ކޮމިޝަނާ އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް)، ކުލަބު ގްރީން ސްޓްރީޓްގެ ރައީސް މުއާވިޔަތު ހަލީލް އެވެ. އެކްސްކޯގެ އަންހެން މެންބަރެއްގެ ގޮތުގައި ހިމެނި ވަޑައިގަންނަވަނީ މިހާރުވެސް އެފްއޭއެމްގެ އިސް މަގާމެއް ފުރަމުން އަންނަ އާމިނަތު ޝާނީޒް (ޝާނީ) އެވެ. އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ހިންގާ ގަވާއިދާ ޚިލާފު އެތައް ކަމެއް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މައްސަލައަކާއި ގުޅިގެން އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް ސަރުކާރުން ވަނީ މިއަދު އެފްއޭއެމްއަށް އަންގާފައި އެވެ. އެހެންނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ އިންތިހާބު ކުރިއަށް ގެންދިއުމަށް އެފްއޭއެމްއަށް އަންގާފަ އެވެ. މީގެ އިތުރުން އިންތިހާބީ މަރުހަލާ އަށް އެއްވެސް ނުރަނގަޅު ނުފޫޒުއް އަތުވެއްޖެ ނަމަ، ވަކިން ހާއްސަކޮށް މިކަމާ ގުޅިގެން އާއްމު އިދާރާއަކުން ދެން އަޅާފާނެ ފިޔަވަޅާ ގުޅޭ ގޮތުން، ވަގުތުން ވަގުތަށް ފީފާ އަށް އަންގަން ދުނިޔޭގެ ފުޓް ބޯޅައިގެ މައި އިދާރާއިން ވަނީ އެފްއޭއެމްގައި އެދިފަ އެވެ. އެފްއޭއެމް ހައުސްގެ ޓެރަހުގައި ބޭއްވި މި ކޮންގްރެސް ކުރިއަށް ގެންދިޔައީ މީޑިއާ އަށް ދައުވަތު ނުދީ އެވެ. ނަމަވެސް ދިވެހި ފުޓްބޯޅަ އެސޯސިއޭޝަންގެ ކޮންގްރެސް ފޭސްބުކް ޕޭޖުން ދިޔައީ ލައިވްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ