ކޮވިޑުގެ ހާލަތު ކޮންޓްރޯލުން ނެއްޓި، އިންޑިއާގެ ދިއްލީ ލޮކްޑައުން ކޮށްފި

އިންޑިއާގެ ވެރިކަން ކުރާ ރަށް ނިއު ދިއްލީން ރެކޯޑު އަދަދަކަށް ކޮވިޑު ކޭސްތައް ފެނި، އެ ސިޓީ ލޮކްޑައުން ކޮށްފިއެވެ.
ލޮކްޑައުން އިއުލާން ކުރައްވާ ވާހަކަ ދައްކަވަމުން އެ ސިޓީގެ ޗީޕް މިނިސްޓަރު އަރްވިންދް ކެޖްރިވަލް ވަނީ ދިއްލީގެ ހޮސްޕިތަލުތައް ފުރި، އިންޓެންސިވް ކެއާ ޔުނިޓުތަކުގެ އެނދުތައް ހުސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އަބަދުވެސް ލޮކްޑައުން ކުރުމާ ދެކޮޅު ކަމަށާއި ނަމަވެސް މި ލޮކްޑައުންގެ ސަބަބުން ހޮސްޕިޓަލުތައް ފުރި ބާރުވުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
އެއް ހަފުތާގެ މުއްދަތައް އިއުލާން ކޮށްފައިވާ މި ލޮކްޑައުންގައި ހުޅުވާފައި ހުންނާނީ ހޮސްޕިތަލުތަކާއި ބޭސް ފިހާރަތަކުގެ އިތުރުން ކާބޯ ތަކެތި ވިއްކާ ފިހާރަތައް ފަދަ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން އެކަންޏެވެ. އޭގެ އިތުރުން އަޅުކަން ކުރާ ތަންތަންވެސް ހުޅުވާފައި ބަހައްޓަން ނިންމާފައިވީ ނަމަވެސް، ރައްޔިތުން އެ ތަންތަނަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށްފައެވެ.
މިދިޔަ އާދިއްތަ ދުވަހު ނިއު ދެއްލީން 24،462 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، މިއީ މިހާތަނަށް އެ ސިޓީން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ދެވަނަ ރާޅުގެ ނުރައްކާ ބޮޑުވެ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ގައުމުން ކޮންމެ ދުވަހަކުވެސް ދެ ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިގެން ރިޕޯޓު ކުރެއެވެ.
ނަމަވެސް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ވަނީ ތިން ލައްކައާ ގާތްކުރާ އަދަދަކަށް މީހުންނަށް ކޮވިޑު ޖެހިފައެވެ. އަދި 1600 މީހުން މި ބަލީގައި މަރުވެގެން ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާގެ ހޮސްޕިޓަލުތަކަށް ބާރު ބޮޑުވުމުގެ ސަބަބުން އެގައުމުގެ ޑޮކްޓަރުން ދަނީ ކޮވިޑު ޓެސްޓުތަކުގެ ނަތީޖާތައް ލިބުން ލަސްވެފައިވާ ކަމަށް ބުނަމުންނެވެ. އަދި އޭގެ ސަބަބުން މީހުންގެ ނަތީޖާތައް ނުލިބި ބައްޔަށް ޕޮސިޓިވް ވެފައިވާކަން ނޭނގިވެސް އެތައް ބަޔަކު އުޅޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވެއެވެ.
ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައްވެސް އިންޑިއާގައި ކުރިއަށް ގެންދާ އިރު، އިންޑިއާ ސަރުކާރުން ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ ހުރިހާ އެންމެނަށް ވެކްސިން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި ހާތަލު ގޯސްވުމާއި ގުޅިގެން އެ ގައުމުގައި ވެކްސިން ޖެހުން އަވަސް ކޮށްފައިވާ އިރު، ވޭތުވެ ދިޔަ ހަފުތާގެ ތެރޭގައި ވެކްސިން ޖަހައިދޭ ބައެއް ސެންޓަރުތަކުން ވަނީ ވެކްސިން ހުސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ