ދިއްދުއާއި ކެނދިކުޅުދޫގަ ޖޫނިއަރ ކޮލެޖު އަޅާ، ހިންގާނެ ބަޔަކު ހޯދަނީ

ދެ ރަށެއްގައި ޖޫނިއަރ ކޮލެޖު އެޅުމަށް ޝަޢުގުވެރިވާ ފަރާތްތައް ހޯދުމަށް އިޢުލާންކޮށްފިއެވެ. ޖޫނިއަރ ކޮލެޖު ފުރަތަމަ ތަރައްޤީކުރުމަށް ނިންމާފައިވަނީ ނ.ކެނދިކުޅުދުއާއި ހއ.ދިއްދުއެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕަބްލިކް- ޕްރައިވެޓް ޕަރޓްނަޝިޕް އުސޫލުންކަމަށެވެ. "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށައެޅުމަށް ހުޅުވާލާފައިވަނީ ޑިޒައިން، ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް އުސޫލުން، ހއ.ދިއްދުއާއި ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖަކާއި އެކަމަޑޭޝަން ބްލޮކް ތަރައްޤީކުރުމަށެވެ.
ޖޫނިއަރ ކޮލެޖުގެ މަސައްކަތަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މުޅިން އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ ތަޢުލީމު ދިނުމުގެ މޮޑެލްއެކެވެ. މި މޮޑެލްގެ ކޮލެޖުތައް ޚާއްސަކުރާނީ އޯލެވެލް ނިންމާ ނިކުންނަ އުމުރުން 16އަހަރާ 21އަހަރާ ދެމެދުގެ ދަރިވަރުންނަށް ފައުންޑޭޝަން ލެވަލްތަކުގެ ކޯސްތައް ކުރިއަށްގެންދިއުމަށެވެ. ކޮލެޖުގައި ހިންގާނީ 2އަހަރު ދުވަހުގެ މުއްދަތުން ކިޔެވުން ފުރިހަމަކުރެވޭ ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން މީގެ ކުރިން ވިދާޅުވެފައިވެއެވެ. ޖޫނިއަރ ކޮލެޖު ތަރައްޤީކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކާއެކުވެސް މިނިސްޓްރީންވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
ދިއްދުއާއި ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖު ތަރައްޤީކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެކަން، 24މެއި 2021ގެ 14:00ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އެންގުމަށްވަނީ އެދިފައެވެ. މިޕްރޮޖެކްޓްތަކާ ގުޅޭ މަޢުލޫމާތުތައް (ޓަރމްސް އޮފް ރިފަރެންސް)، މިމަހުގެ 25ވަނަ ދުވަހުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ޝަޢުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން، މަސައްކަތަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު އޮންނާނީ ޝޯޓް ލިސްޓް ކުރާ ފަރާތްތަކަށެވެ.
ޖޫނިއަރ ކޮލެޖުތައް ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެއަތޮޅެއް ނުވަތަ ސަރަހައްދެއްގައި ހުރި ސިނާއީ ދާއިރާތަކަށް މީހުން ބިނާކުރުމާއި، އަދި މަތީ ތަޢުލީމަށްދާ ކުދިންނަށް އެ ދާއިރާތަކުން ބޭނުންވާ ބޭސިކް މަޢުލޫމާތާއި ތަމްރީންތައް ފޯރުކޮށްދިނުމެވެ. މި ކޮލެޖުތައް ތަރައްޤީކުރަނީ ކުދިންނަށް ތިބެވޭގޮތަށް ދަނާލުތައްވެސް ހިމެނޭގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ