ގޮއިފުޅަފެހެންދޫ ގުޅުވައިލެވޭހާ ފައިސާ އެ ތިން ރަށުގެ ބަނދަރަށް ހޭދަކޮށްފި: ރައީސް

ބ. އަތޮޅުގެ އެހެން ރަށްތަކާ ދުރުގައި އެއް ފަޅެއްގެ ތެރޭގައި އޮންނަ ގޮއިދު އާއި ފުޅަދޫ އަދި ފެހެންދޫ ކޯޒްވޭއަކުން ގުޅައިލެވޭހާ ފައިސާ އެ ތިން ރަށުގެ ބަނދަރަށް މިހާތަނަށް ޚަރަދު ކޮށްފައިވާ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި އޮންލައިންކޮށް ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ޖަލްސާތަކުގެ ސިލްސިލާގެ ތެރެއިން ބ. އަތޮޅަށް ހާއްސަ ކޮށްގެން ބޭއްވި ޖަލްސާގައި ގޮއިދު އާއި ފުޅަދު އާއި ފެހެންދޫ ގުޅުވައިލުމުގެ ސުވާލު ކުރިމަތިކުރެއްވީ ފެހެންދޫ ކައުންސިލްގެ ރައީސްކަމަށް، އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މޫސާ ނަސީމެވެ.
އޭޭނާ ވިދާޅުވީ، 2008 އިން ފެށިގެން ފެހެންދޫ ސްކޫލު ހުރީ ބަންދުކޮށްފައި ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށްޓަކައި އެ ރަށް ގޮއިދުއާ ގުޅާލައި، ފެހެންދޫ ދަރިވަރުންނަށް އެއްގަމު މަގުން ސްކޫލަށް ދެވޭނެ ގޮތެއް ހައްދަވައި ދެއްވަން ރައީސަށްް ދަންނަވާފައި ވާނެ ކަމަށެވެ. އެކަން ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވާ ކަމަށް މޫސާ ވިދާޅުވި އެވެ.
"ރައީސް އެކަމަށް އިޖާބަދެއްވާފައި އޮތީ. ދެން އެކަން ކުރިއަށް ނުގޮސް ލަސްްވާތީ އެކަމުގެ ކަންބޮޑުވުން އެބައޮތް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ "ރަށްވެެހި ފަތިސް" ޖަލްސާއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ބައިވެރިވެވަޑައިގަންނަވަނީ.
ފެހެންދޫ ކެންޑިޑޭޓަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޯޒުވޭ ހެދުމާ ބެހޭ ގޮތުން އެ މަނިކުފާނު ވެސް ވާހަކަފުޅު ދައްކަވާފައިވާނެ ކަމަށާއި ނަމަވެސް އެކަމާ ދޭތެރޭ ސަރުކާރުން އަލުން ވިސްނަން ޖެހޭ ކަމަށެވެ. އެއީ ތިން ރަށުގައި ވެސް މިހާރު ތިން ބަނދަރު ހެދިފައި ވާތީ އެވެ.
ރައީސް ވިދާޅުވިގޮތުގައި ތިން ރަށުގެ ބަނދަރަށް ބޮޑު ހޭދަައެއް ސަރުކާރުން ކޮށްފައި ވަނީ އެ ތިން ރަށް ގުޅުވާލައި އެއް ބަނދަރު ހެދުމުގެ ވިސްނުން ވެސް އޮއްވަ އެވެ.
"އެހެންވީމާ މިއާ ދެތޭރައި ރައްޔިތުންނާ އަލުން މަޝްވަރާކޮށްފައި ގޮތެއް ނިންްމަން ޖެހޭނީ. އެއީ މި ހުރިހާ ކަމެއް ކޮށްފައި އަނެއްކާ ގުޅައިލަންވީތޯ، ގުޅީމާ އެދާ ހަރަދު އެއީ ރަނގަޅު ހަރަދަކަށް ވާނެތޯ. މިހާރު ބަނދަރު ހެދުމަށް ވެސް ގާތްގަނޑަކަށް 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުވެފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ އެ [ފައިސާ] އެހެން ގޮތަކަށް [ހަރަދު]ކުރެވުނު ނަމަ މިކަން ނުކޮށް."
އެކަމަކު، ރައީސް ވިދާޅުވިގޮތުގައި އެކަމަށްޓަކައި މިހާރު ވެސް ކޮށްފައި ވަނީ ބޭނުންތެރި މަސައްކަތްތަކެކެވެ.
ގޮއިފުޅަފެހެންދޫގެ ތިން ރަށުގެ ތެރެއިން ބޮޑު ރަށަކީ ގޮއިދު އެވެ. އެ ރަށާ ޖެހިގެން އޮންނަ ފެހެދޫގައި ތިބި މަދު ދަރިވަރުން ފަޅުތެރެއިން ދަތުރެއް ކޮށްފައި ދަނީ ގޮއިދޫ ސްކޫލަށެވެ. ތިލަ ފަޅެއްގެ ތެރޭގައި ގާތްގާތުގައި ފަސޭހައިން ގުޅުވައިލެވެން އޮތް އެ ތިން ރަށަށް ވެސް ސަރުކާރުން ވަނީ ވަކިވަކިން މަޝްރޫއުތައް ރާވައިފަ އެވެ. ފެހެންދޫގެ އިތުރުން ފުޅަދޫގައި ފެނާއި ނަރުދަމާ އަޅާނެ ބަޔަކު ހޯދަން މިހާރު ބީލަމަށް ލާފައިވާ ކަަމަށް ރައީސް ރޭ ވިދާޅުވި އެެވެ.
އެ މަނިކުފާނު ވިދާޅުވީ، ފެހެންދޫ ގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކަށް މިދިޔަ އަަހަރު ވެސް 19 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރި ކަމަށެވެ. ޖުމުލަ ގޮތެއްގައި ގޮއިފުޅަ ފެހެންދު އަށް ސަރުކާރުން ކޮށްފައިވާ ޚަރަދަށް ބަލައިލުމުން ފެންނާނީ ރައީސް ވިދާޅުވިގޮތުގައި އާބާދީ އަށް ބަލައިގެން މި ސަރުކާރުން ތަފާތު ނުކުރާނެ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ