ރަނިން މޭޓް ކަމަށް ވާދަ ކުރައްވާނީ 4 ބޭފުޅުން

މި އަހަރުގެ ރިއާސީ އިންތިޚާބުގައި، ގުޅިފައިވާ ޕާޓީތަކުގެ ރިއާސީ ކެންޑިޑޭޓުގެ ރަނިން މޭޓުގެ މަގާމު ހޯދުމަށް ވާދަ ކުރެއްވުމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ޖުމްހޫރީ ޕާޓީން ދެންމެ ބުނެފި އެވެ.
އެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ފައިސަލް ނަސީމާއި، ކެންދޫ ދާއިރާގެ އަލީ ހުސައިނާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން، ރައީސް އޮފީހުގެ ކުރީގެ މިނސްޓަރު އަބްދުﷲ އަމީނެވެ.
ރައީސް މައުމޫންގެ ވެރިކަމުގަައި ޓޫރިޒަމް މިނިސްޓަރުކަން އަދި ކެލާ ދާއިރާގެ މެމްބަރުކަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް ވެސް ރަނިން މޭޓުގެ މަގާމަށް ވާދަ ކުރައްވާނެ ކަމުގެ އަޑުތައް ފެތުރިފައި ވިޔަސް، އޭނާ އެ މަގާމަށް ކުރިމައްޗެއް ނުލައްވަ އެވެ.
ރަނިންމޭޓުގެ މަގާމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ރަނިން މޭޓެެއްގެ ގޮތުގައި ރިއާސީ އިންތިހާބަށް ނުކުންނަވާނެ ބޭފުޅަކު ކަނޑައަޅާނީ މިރޭ އޮންނަ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓެއްގަ އެވެ.
ރަނިން މޭޓުގެ މަގާމަށް ވާދަ ކުރައްވާ ބޭފުޅުންގެ ނަންތައް އިއުލާން ކުރެއްވުމަށް ފަހު ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ވޯޓް ލުމަށް ހަމަޖެހިފައިވަނީ މި ރޭ އެ ޕާޓީން ބާއްވާ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. މިރޭ 8:30 ގައި އެ ބައްދަލުވުން ފަށަން ހަމަަޖައްސާފައިވާ އިރު ވޯޓު ލާން ފެށުމަށް ހަމަޖައްސާފައިވަނީ މިރޭ 9:00ގަ އެވެ. ވޯޓް ގުނަން ފަށަން ހަމަޖައްސާފައިވަނީ 10:30 ގަ އެވެ.
ރަނިން މޭޓަކު ކަނޑައެޅުމަށް ނަގާ ވޯޓުގައި ވޯޓްލުމުގެ ހައްގު ލިބެނީ ޖޭޕީގެ ކައުންސިލް މެމްބަރުންނަށް އެކަންޏެވެ. އެ ކައުންސިލްގައި 50 އަށް ވުރެ ގިނަ މެމްބަރުން ތިއްބަވާއިރު ބައެއް ބޭފުޅުން ރާއްޖެ އިން ބޭރުގައި އުޅުއްވުމާއެކު އާންމުކޮށް ޖަލްސާތަކުގައި ބައިވެރިވަނީ 43 މެމްބަރުންނެވެ.
ޖުމްހޫރީ ޕާޓީން ކަނޑައަޅާ ރަނިން މޭޓާ އެކު، ރައީސް ޔާމީނާ ވާދަކުރެއްވުމަށް، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އިބޫ މިހާރު އުޅުއްވަނީ އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ކެމްޕެއިން ދަތުރެއްގަ އެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިއާސީ ކެންޑިޑޭޓުގެ ރަނިން މޭޓް ކަނޑައެޅުން މިރޭ އޮތް އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ރަނިންމޭޓެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީން ކޮންމެ ބޭފުޅަކު ކަނޑައެޅި ނަމަވެސް، އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީ އެމްޑީޕީން ވެސް އެކަން ބަލައިގަންނާނެ ކަމަށެވެ.
Riyaasee Inthikhaab gai JP ge faraathun kanda alhaa Running Mate aku ninmumah JP ge Council gai nagaa vote in, konme beyfulhaku kaamiyaabu kurehvinamaves enatheejaa MDP ves adhi alhugadu amilla gothunves balai gannaane. Hurihaa Candidatunnah Marhabaa.— Mohamed Nasheed (@MohamedNasheed) July 13, 2018
ނަޝީދު ކުރެއްވި ޓުވީޓްމިއަހަރުގެ ރިއާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ގިނިކަންޏާ ވާދަ ކުރައްވައިގެން ކާމިޔާބު ކުރެއްވީ ނަޝީދެވެ. ނަމަވެސް 13 އަހަރުގެ ޖަލު ހުކުމެއްގެ ސަބަބުން، އިންތިހާބުގައި ވާދަކުރެއްވެން ނެތުމުން، ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ކަނޑައެޅީ އެ ޕާޓީގެ ގައުމީ މަޖިލީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ