ނަސަންދުރަ އާއި ޝަންގްރިއްލާގެ ކުލި 96 ޕަސަންޓް ކުޑަވިއަސް ފިޔަވަޅު ނާޅަން ސަރުކާރުން ނިންމައިފި

ޓޫރިސްޓް ރިސޯޓްތަކުގެ ކުލި ކަނޑައެޅުމަށް ޓޫރިޒަމް ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާ އެކު ނަސަންދުރަ ޕެލަސް ހޮޓަލާއި މާލޭގައި ހޮޓަލެއް އެޅުމަށް ޝަންގްރިލާ އަށް ދޫކޮށްފައިވާ ބިމުގެ ކުލި 96 ޕަސެންޓް ކުޑަވި ނަމަވެސް، އެ ހޮޓާތަކުގެ ކުއްޔަށާއި އަދި ގާނޫނަށް އިތުރު އެއްވެސް ބަދަލެއް ނުގެނެސް މިހާރު ވެސް އޮތް ގޮތަށް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހު ބޭއްވެވި ކެބިނެޓު ބައްދަލުވުމުގައި މިގޮތަށް ނިންމަވާފައި ވަނީ، ޓޫރިޒަމް ގާނޫނަށް ގެނައި ދެވަނަ އިސްލާހުގެ ސަބަބުން "ބައެއް ރިސޯޓްތަކުގެ ކުލި ބޮޑުވެ، ބައެއް ހޮޓާތައް ހިންގުމަށް ދޫކުރެވޭ ބިންތަކުގެ ކުލި އެކަށީގެންވާ ވަރަށް ކުޑަވުމާ ގުޅިގެން މި ގާނޫނަށް ބަދަލެއް ނުވަތަ އިސްތިސްނާއެއް ގެނައުމާމެދު" ޓޫރިޒަމް މިނސްޓްރީން ހުށަހެޅި ކަރުދާހަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ފަހު އެވެ.
"..މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރުން ހުށަހެޅުއްވި ކަރުދާހަށް މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހު، ހުށަހަޅުއްވާފައިވާ ގޮތުގެ މަތިން ކުއްޔަށް ބަދަލެއް ނުވަތަ ގާނޫނަށް އިސްލާހެއް ]ގެންނަން[ ފެނިވަޑައިނުގަންނަވާ ކަމަށް ނިންމެވި އެވެ." މިއަދު ނެރުނު ގެޒެޓުގައިވާ ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކުގެ ދަށުން ބުނެފައިވެ އެވެ.
ކެބިނެޓުގެ މި ނިންމެވުމަށް 30 ދުވަސްވެފައިވާ އިރު، ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން މިކަމާ ގުޅޭ ގޮތުން ވަކިން ބަޔާނެއް ނެރެފައެއް ނުވެ އެވެ. އެ ނިންމުން ހިމަނާފައި ވަނީ ހަމައެކަނި ގެޒެޓުގައިވާ ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކުގެ ބައިގަ އެވެ.
ބައެއް ހޮޓާތަކުގެ ކުއްޔަށް އެއްވެސް ބަދަލެއް ނުގެންނަން ކެބިނެޓުން ނިންމާފައިވާ އިރު، ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ނަސަންދުރައިގެ ކުލި ވަނީ މަހަކު 883،970.5 ރުފިޔާ އިން މަހަކު 30،393.23 ރުފިޔާ އަށް ވެއްޓިފަ އެވެ. އަދި ދަރުބާރުގެ އިރުން އޮންނަ ބިމުގައި 200 އެނދުގެ ސިޓީ ހޮޓަލެއް އަޅަން ޝަންގްރިއްލާއަށް އަހަރަކު 15.7 މިލިއަން ރުފިޔާއަށް ކުއްޔަށް ދޫކޮށްފައިވާ 3121.07 އަކަމީޓަރުގެ ބިމުން މިހާރު ސަރުކާރަށް އަހަރެއްގެ މައްޗަށް ލިބޭނީ 38،5015.2ރ. އެވެ.
ބައެއް ރިސޯޓްތަކުގެ ކުލި ބޮޑުވެ، ހޮޓާތަކުގެ ކުލި ގާތްގަނޑަކަށް 100 ޕަސަންޓް ދަށަށް ދިޔައީ ޓޫރިޒަމް ގާނޫނަށް ގެނައި އެ އިސްލާހުގައިވާ ގޮތަށް، ކުރިން ތަފާތު އަގުތަކުގައި ދޫކޮަށްފައިވާ ރިސޯޓް އަދި ހޮޓާތަކުން ކޮންމެ އަކަ މީޓަރަކަށް އަހަރަކު އަށް ޑޮލަރު ނަގަން ފެށުމުންނެވެ.
އަކަ މީޓަރަކަށް އަހަރަކު އަށް ޑޮލަރު ނެގުމުގެ ބިލް މަޖިލީހަށް ހުށަހެޅީ ސަރުކާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ