ފުށިދިއްގަރު ފަޅަށް ބާޖަކާއި ޓަގުބޯޓެއް އެރި މައްސަލައިގައި ފައިސާ ހޯދަން ކޯޓަށް ދަނީ

ކ. ފުށިދިއްގަރު ފަރަށް ދެ އުޅަނދެއް އެރި މައްސަލައިގައި ކުރި 100 މިލިއަންގެ ޖޫރިމަނާ ފައިސާ ހޯދުމަށް ކޯޓަށް ދިއުމަށް ނިންމާފައިވާކަމަށް އެންވައިރުމަންޓް ޕްރޮޓަކްޝަން އޭޖެންސީ އީޕީއޭއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވީ ޖޫރިމަނާގެ ފައިސާ ހޯދަން ކޯޓަށް ހުށަހެޅުމަށްޓަކައި ލިޔެކިޔުން ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
“މުތާ ރޯޔަލް”ކިޔާ ޓަގު ބޯޓާއި“މުތާ ގްރޭސް”ކިޔާ ބާޖު ފުށިދިއްގަރު ފަޅަށް އަރާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ އުޅަނދުތައް ނަގާފައިވަނީ 19 މާރޗު 2017 ގައެވެ.
އީޕީއޭއިން އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ހެދި ސާވޭއިން ދައްކާގޮތުން އެފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ވަނީ ލިބިފައެވެ. އަދި މިސާރވޭގެ މަސައްކަތް ނިންމާފައިވަނީ 18 ސެޕްޓެމްބަރު 2017ގައެވެ. އެއަށްފަހު އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާރިޗް މަހުގެތެރޭގައެވެ.
ޖޫރިމަނާއަށްވާ 100 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ދެ އުޅަަނދުގެ ލޯކަލް އޭޖެންޓުގެ ގޮތުގައި ހަރަކާތްތެރިވަމުން އައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް އޭރު އީޕީއޭއިން އެންގިއެވެ. ނަމަވެސް މިހާތަނަށް އެފައިސާ ދައްކާފައިނުވާކަމަށް އީޕީއޭއިން ބުނެއެވެ.
މި ވޭތުވެދިޔަ 3 އަހަރު އީޕީއޭއިން ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން މިފައިސާ ނޫނީ ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މިހާރު ލިބިފައިވާކަމަށް ނައީމް ވިދާޅުވިއެވެ.
އެގޮތުން ނޫމަރާ ފަރަށް ބާޖެއް އެރުމާ ގުޅިގެން ކުރި ޖޫރިމަނާ ފައިސާއާ ރަސްފަރި ފަރަށް ބޯޓެއް އެރި މައްސަލައިގެ ޖޫރިމަނާ ފައިސާވެސް ސަރުކާރަށް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ