ރާއްޖޭގެ ގިނަ ރައްޔިތުން އެދެނީ އަޅުގަނޑު ބަހުސްގައި ބައިވެރިވާން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން އެދެމުން އަންނަ ކަމަށް، އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި، ނުވަތަ ކޮމިޓީއެއްގެ އާންމު ބައްދަލުވުމެއްގައި ހުށަހެޅިފައިވާ މައްސަލައާ މެދު މަޖިލީހުގެ ރައީސް ދެކޭ ގޮތް ހާމަކޮށްގެންނުވާނެ އެވެ. އެހެންނަމަވެސް، މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާ މެދު، މަޖިލީހުގެ ރައީސް ހިޔާލުފާޅުކޮށް އެކަމާ މެދު ދެކޭ ގޮތް ހާމަކޮށް މަޝްވަރާއާއި ލަފާ ދެވިދާނެ އެވެ. އަދި ކޮމިޓީއަކުން އެދިއްޖެ ނަމަ، ކޮމިޓީގެ ނުރަސްމީބައްދަލުވުމެއްގައި ނުވަތަ ކޮމިޓީން އިންތިޒާމުކުރާ އިވެންޓެއްގައި މަޖިލީހުގެ ރައީސް ބައިވެރިވުމަށް ގަވާއިދުގައި ހުރަސް އަޅާފައެއްނުވެ އެވެ. ނަމަވެސް އެއާ ހިލާފަށް މަޖިލީހުގެ ރައީސް ގެންދަވަނީ މަޖިލީހުގައި ބިލްތަކާއި އަދި އެ ނޫން ކަންކަމާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ހާއްްސަކޮށް ކަމެއްގައި އެ މަނިކުފާނު ދެކިވަޑައިގަންނަވާ ގޮތާ ހިލާފަށް ވާހަކަ ދައްކަވާ ނަމަ، އެ މެންބަރަކު ދެއްކެވި ވާހަކައަކަށް ރައްދުދެއްވުން ފަދަ ކަންކަން ވެސް ހިންގަވަ އެވެ. މިއަދު މަަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު ބަހުސްގައި ބައިވެރިނުވާތީ ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ. "އަޅުގަނޑަށް އެނގޭ ވަރަށް ގިނަ ބޭފުޅުން ކަންބޮޑުވެލައްވާ އަޅުގަނޑު ބަހުސްގައި ބައިވެރިނުވާތީ. އަދި ހަމައެކަނި އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން އެކަންޏެއް ނޫން. ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން އެދޭ އަޅުގަނޑު ބަހުސްގައި ބައިވެރިވުމަށް،" ވަރަށް ގިނަ ރައްޔިތުންގެ ވިސްނުން ހޯއްދެވި ގޮތެއް ނަޝީދު ވިދާޅެއް ނުވެ އެވެ. ނަޝީދު ވިދާޅުވީ މިއަދު ވެސް އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލްއާ މަޝްވަރާކުރެއްވި ކަމަށެވެ. އަދި ކައުންސެލް ޖެނެރަލް ލަފާދެއްވީ، އެމަނިކުފާނަށް ބަހުސްގައި ބައިވެރިނުވެވޭނެ ކަމަށެވެ. "އަޅުގަނޑު މިއަދު ވެސް މަޖިލީހުގެ ކައުންސެލް ޖެނެރަލް އަރިހުގައި އަހާލީމު، މަޖިލީހުގެ ރައީސް ބަހުސްގައި ބައިވެރިނުވުމަށް މި އޮންނަ އޮތުން އެއީ ރިޔާސަތުގައި އިނދެގެން ބައިވެރިނުވުންތޯ ނުވަތަ އޭގެ މާނައަކީ އަޅުގަނޑަށް މައްޗަންގޮޅީ މެދު ދާއިރާގެ ގޮނޑިއަށް ގޮސް ބަހުސްގައި ބައިވެރިވެވޭނެތޯ ނުވެވޭނެތޯ ދެކޭ ދެކުން،" ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް ގަވާއިދުގައި އެގޮތަށް ބަޔާންކޮށްފައި ވަނީ މަޖިލީހުގެ ބަހުސުގައި މަޖިލީހުގެ ރައީސް އަށް ބައިވެރި ނުވެވޭނެ ކަމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު މަޖިލީހުގެ ބަހުސްގައި ބައިވެރިވާން ގިނަ ރައްޔިތުން އެދޭކަމަށް މިއަދު ވިދާޅުވި އިރު، މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް އިދިކޮޅު މެމްބަރުންނާއި ބައެއް އަމިއްލަ މެމްބަރުން ވެސް އެކި ފަހަރުމަތުން ފާހަގަކޮށް އެ ކަންބޮޑުވުން ފާޅުކުރެ އެވެ. ހަމައެއާއެކު ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރައްވާ ކުރީގެ މަޖިލިސް މެމްބަރުން ވެސް އެކަމަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަ އެވެ. މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ މަޖިލީހުގެ ބަހުސް ބަލަހައްޓަވާ ރިޔާސަތު ކަމަށެވެ. "އަޅުގަނޑަށް އެބަ ޖެހޭ މަޖިލީހުގައި ހިނގާ ބަހުސެއްގެ މަގު ދައްކާދޭން. ބަހުސަކާ ގުޅޭ ގޮތުން މެމްބަރުން މައުޟޫއިން ކައްސާލައިގެން ދާކަމަށް އަޅުގަނޑަށް ފެނިއްޖެއްޔާ، މައުޟޫއަކީ ކޮބައިކަން އަޅުގަނޑު އެބަ ސާފުކޮށްދޭން ޖެހޭ." ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ކޮންމެ މަޖިލީހެއްގައި ވެސް ބަހުސްގެ މިސްރާބު ހިފެހެއްޓުމަކީ ރިޔާސަތުގެ ޒިންމާއެއް ކަމަށެވެ. އަދި ބަހުސަށް ޝައުގުވެރިކަަން ގެނައުމާއި، ބަހުސެއްގައި ވާގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ވެސް ރިޔާސަތުގެ ޒިންމާއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ