ރައީސް ޔާމީން ޖަލަށްލެވުނީމަ އިންސާފުގެ ދަތުރު ނިމުނީތޯ؟: ޣައްސާން

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖަލަށްލެވުމުން އިންސާފު ދަތުރު ނިމުނީތޯ ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ސުވާލު އުފައްދަވައިފިއެވެ. ޣައްސާން މިފަދައިން ސުވާލުކުރައްވާފައިވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މައްސަލައާ ގުޅިގެން އެވާހަކަ ފަށްފަށްކޮށް އެމްޑީޕީގެ ރައްޔިތުން މަޖިލިސް މެންބަރުން ދައްކަވާ ދުވަސްވަރެއްގައި ޣައްސާން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނަތާ ގުޅިގެން ޑީލެއް ހެއްދެވުމަށް އެދިވަޑައިނުގަންނަވާ ކަމުގައެވެ. އަދި ރައްޔިތުންވަނީ އެމްޑީޕީއަށް މިމައްސަލަ ބެލުމަށް ބޭނުންވާނެ ހުރިހާ ބާރެއް ދީފައިކަން ޣައްސާންގެ ޓުވީޓުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ރައްޔިތުންވަނީ ފުލުހުންގެ މައްޗަށް ހިންގާ ބާރު ކަމުގައިވާ ސަރުކާރުވެސް ދީފައި ކަމަށާއި، އަދި އޭގެ އިތުރަށް ކޯޓުތަކާއި މިނިވަން މުއައްސަސާތަކަށް މީހުން ޢައްޔަންކުރާ ބާރު ކަމުގައިވާ މަޖިލިހުގެ ސުޕާމެޖޯރިޓީ ނުވަތަ ސާފު އަޣުލަބިއްޔަތު ދީފައިވާ ކަން ފާހަގަކުރެއްވިއެވެ. އެކަން ފާހަގަކުރެއްވުމަށްފަހު ޣައްސާން ސުވާލުކުރައްވާފައިވަނީ މިހުރިހާ ބާރުތަކެއް ލިބެމެ، އެމްއެމްޕީއާރުސީގެ މައްސަލަ ތަޙުޤީޤުކޮށް އެމައްސަލަ ނުބެލިގެން އުޅެނީ ހަމަ ޕީޕީއެމްގެ ސަބަބުންތޯ ސުވާލު އުފައްދަވާފައެވެ. އަދި ރައީސް ޔާމީން ޖަލަށްލެވުމުން އިންސާފުގެ ދަތުރު ނިމުމަކަށް އަންނަނީތޯވެސް ޣައްސާންވަނީ ސުވާލުކުރައްވާފައެވެ. ޕީޕީއެމްގެ ނައިބުރައީސުންގެ ތެރެއިން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމުވެސްވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަ ސާފުކޮށް އަވަހަށް ބެލުމަށް ގޮވާލައްވާފައެވެ. ޣައްސާނުވެސް މިއަދު ކުރެއްވި ޓުވީޓުގައި އެމައްސަލަ ބެލުމަށް ގޮވާލައްވާފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ