އަދަދު ނޫހުން ގެނެސްދިން "އައިޝާ ޑޮކިއުމަންޓްރީ" އާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން އެކުލަވާލި ލޯޔަރުންގެ ޓީމާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ގުޅިވަޑައިގެންފި އެވެ.
އައިޝާ ޑޮކިއުމަންޓްރީގައި ހިމެނޭ ރައީސް އޮފީހުގެ މުވައްޒަފުގެ ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވަނީ ޝަމީމް އެވެ. އެ މުވައްޒަފު ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގި ނަމަވެސް އޭނާގެ މައްޗަށް މިހާތަނަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެ އެވެ.
އަދަދުގެ ލޯޔަރުންގެ ޓީމުގައި ޝަމީމްގެ އިތުރުން ދެން ހިމެނެނީ އަބްދުﷲ ޝާއިރު، އައިކް އަހްމަދު އީސާ އަދި ހަސަން ފަލާހް އެވެ.
ފިޔާޒާއި ހަސަންގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށްގެންދާއިރު، އެ ދެ މީހުން ވެސް ވަނީ އިއްޔެ ދައުވާއަށް އިންކާރުކޮށްފަ އެވެ.
ފިޔާޒު އާއި ހަސަންގެ މައްޗަށް ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި އެޑިޓަރު ހަސަން ތިބެ، ރައީސް މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުން ބޭއްވި ކަމަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ.
ފިޔާޒު އާއި ހަސަންގެ މައްޗަށް ދައުވާ އުފުލީ "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން ފެށިތާ 14 ވަނައަށް ވީ ދުވަހެވެ. އެ މައްސަލަ ބަލަން އެންގީ ތުހުމަތުތަކާ ގުޅޭ ގޮތުން އަދަދު އިން ސުވާލު ކުރުމުން ޕްރެސް ކޮންފަރެންސެއްގެ ތެރެއިން ސީދާ މުއިއްޒެވެ.
ހަމަ އެރޭ ފުލުހުން ވަނީ އަދަދުގެ އޮފީހަށް ރެއިޑުކޮށް 20 އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކު ހިމެނެ އެވެ. ޖެހިގެން އައި ދުވަހު ފިޔާޒް އާއި ހަސަން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، ތަހުގީގުގެ ބޭނުމަށް ފުލުސް އޮފީހަށް ހާޒިރުކުރި އެވެ.
މީގެއިތުރުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒުއާ ސުވާލުކުރުމުން އަދަދުގެ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލި އެވެ. އަދި މުއިއްޒަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު އަމުރެއް މެދުވެރިކޮށް މަނާކުރި ހަބަރު ލިޔުމުން މި ނޫހުގެ ލީވާން އަލީ ނާސިރު ވެސް 10 ދުވަހަށް ޖަލަށްލި އެވެ.
އައިޝާ ޑޮކިއުމެންޓްރީއަކީ ރައީސް އޮފީހުގެ މުވައްޒަފަކާ މުހައްމަދު މުއިއްޒު ކައިވެނިން ބޭރުން ގުޅުމެއް ބޭއްވި ކަމުގެ ތުހުމަތުތައް ހިމެނޭ ޑޮކިއުމަންޓްރީއެކެވެ. ނަމަވެސް އެ ޑޮކިއުމަންޓްރީގައި ހިމެނޭ ކަންކަން މުއިއްޒު ވަނީ ދޮގުކުރައްވާފަ އެވެ.
އައިޝާ ޑޮކިއުުމެންޓްރީގައި އިންޓަވިއުދިން އަންހެން މީހާ ވަނީ މުއިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން، ކައިވެނިން ބޭރުން މުއިއްޒު ގުޅުމެއް ބޭއްވި ކަމަށާއި އޭނާއަށް މުއިއްޒު ޖިންސީ ފުރައްސާރަ ކުރި ކަމަށް ވެސް އޭނާ ތުހުމަތު ކޮށްފައިވެ އެވެ.
ފިޔާޒާއި ހަސަންގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ ނިމެންދެން އައިޝާ ޑޮކިއުމަންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް، އެއްވެސް ތަނެއްގައި ނުދެއްކުމަށް އަންގައި ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފި އެވެ.
އަދަދުގެ ލޯޔަރުންގެ ޓީމާ ކުރީގެ ޕީޖީ ޝަމީމް ގުޅިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ