މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހިއްކަން ފެށި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ދުވެލި ހަލުވި ކުރުމަށް މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސްފި އެވެ.
ހޮލެންޑުގެ ހަން ޑެ ނަލް އިން އޮޕަރޭޓުކުރާ ކްރިސްޓޮބަލް ކޯލޮން ރާއްޖެ އައިކަން އިއުލާން ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޑްރެޖަރު ރާއްޖެ އައީ ނޮވެމްބަރު 30، ގަ އެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތުގައި އެ ޑްރެޖަރުން އަމަލީ މަސައްކަތް ފެށީ އިއްޔެ އެވެ.
މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރު ކަމަށްވާ މި އުޅަނދުގައި ދަތުރެއްގެ މައްޗަށް 78،000 ޓަނުގެ ވެލި އުފުލޭނެ އެވެ. އަދި، ކަނޑުގެ 155 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން މި ޑްރެޖަރަށް ލިބިގެންވެ އެވެ.
މިއާއެކު މިދިޔަ ދެ އަހަރު ވަރަށް މަޑު ދުވެއްޔެއްގައި ކުރިއަށްދިޔަ ރަސްމާލޭގެ ހިއްކުން ތިންގުނަ އިތުރުވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ރަސްމާލެ ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކާ ނިމޭނެ ކަމަށް މުއިއްޒު މިހާރު ވިދާޅުވަނީ އަންނަ މާޗު މަހުގެ ނިޔަލަށެވެ. ނޮވެމްބަރު 14 ވަނަ ދުވަހު މުއިއްޒު ރަސްމާލޭގެ ވާހަކަ ދެއްކެވީ މާލޭގެ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ މީހުންނަށް އެ ތަނުން ގޯތި ދޭން މި ފަހުން އިއުލާނުކުރި ވާހަކަ ތަކުރާރު ކުރެއްވުމަށްފަހު އެވެ.
"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު އިހަށްދުވަހު މިއައީ ރަސްމާލެ ހިއްކާތަން ބަލާލަން ގޮސްފަ. ވަރަށް ބާރަށް އެކަން އެ ދަނީ. މި އަންނަ މަހު އިތުރު ޑްރެޖަރުތައް ގެނެވި، ތިންގުނައަށް ސްޕީޑު ބާރުވީމަ، އިރާދަކުރެއްވިއްޔާ ފަސް ވަރަކަށް މަސް ތެރޭގަ އެތަން އެއްކޮށް ހިއްކާ މި ނިމެނީ،" މުއިއްޒު ވިދާޅުވި އެވެ.
ކްރިސްޓޮބަލް ކޯލޮން ޑްރެޖަރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ދުއްވަމުންދާ ގޮތުގެ ޗާޓު --- ފޮޓޯ: ވެސެލް ފައިންޑާ
ޑިސެމްބަރު 18، 2023، ގައި މަސައްކަތް ފަށައި ޖުމްލަ އަށް މަހުން ހިއްކަން ބުނި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގައި ހިމެނެނީ ޖުމްލަ 1153 ހެކްޓަރުގެ ބިމެވެ. ވޭތުވެދިޔަ 22 މަސް ދުވަހުގެ ތެރެއިން ބޮޑު ބައެއް ވޭތުވީ ރަސްމާލެ ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުކޮށެވެ.
ރަސްމާލެ ހިއްކަން ފެށި ދުވަހު ވެސް މުއިއްޒު އެތަނަށް ވަޑައިގެންނެވި އެވެ. އެ ދުވަހު މުއިއްޒު ވިދާޅުވީ އަށް މަސް ދުވަހުން ރަސްމާލެ ހިއްކާ ނިމޭނެ ކަމަށެވެ. ނަމަވެސް، އެ ތާރީހު ޖެހެން މަހަކަށް ވެފައި ވަނިކޮށް، ޖުލައި 27، 2024، ގައި މުއިއްޒު ވަނީ އެކަމަށް އިތުރު އަށް މަސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
ދެވަނަ އަށް ދެއްވި ތާރީހު ހަމަވީ މި އަހަރުގެ މާޗު 27، އަށެވެ. ނަމަވެސް، އެ ތާރީހުގެ ކުރިން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކާ ނިންމޭނެ ކަމަށެވެ.
ސެންޓިނެލް-2 ސެޓެލައިޓުން އެންމެ ފަހުން ނަގާފައިވާ ފޮޓޯތަކުން އެނގޭ ގޮތުން، ރަސްމާލެއިން މިހާތަނަށް ހިއްކިފައިވަނީ 200 އެއްހާ ހެކްޓަރުގެ ބިމެވެ. އެއީ ފުރަތަމަ ހިއްކި ސައިޓު ޖޭ ގެ 29 ހެކްޓަރާއި ސައިޓު ސީގެ 63 ހެކްޓަރާއި ސައިޓު އެލް ގެ 115 އެއްހާ ހެކްޓަރެވެ. މި ބިންތައް އެއްކޮށްލުމުން މިހާތަނަށް ހިއްކުނީ ޖުމްލަ ބިމުގެ 18 ޕަސެންޓެވެ.
ސަރުކާރުން ރަސްމާލެ ހިއްކުން ފުރަތަމަ ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެވެ.
ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެއަށްފަހު މަސައްކަތް މަޑުޖެހި، އެއްބަސްވުން ބާތިލުކުރަން ނިންމީ ސަރުކާރުންނެވެ.
މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، އެޗްޑީސީ އިން ބޮޑު ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އަދި ސީއެޗްއީސީ އާ އެވެ.
ރަސްމާލެ ހިއްކުމަށް ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސްފި ރަސްމާލެ ހިއްކުމަށް ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ