ޕީއެންސީގެ ޖަލްސާ މިރޭ އޮއްވައި، ޔާމީންގެ ގޭގެ ބެލްކަނީގައި ފިޔާތޮށި ހުސްގޮނޑިއެއް

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ބޮޑު ޖަލްސާއެއް މިރޭ ބާއްވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެކޮޅުގެ ބެލްކަންޏަަށް ފިޔާތޮށި ކުލައިގެ ހުސް ގޮނޑިއެއް ނެރެފިއެވެ. ސޯޝަލްމީޑިއާގައި އަންނަނީ، ޔާމީންގެ އަމިއްލަފުޅު ގެކޮޅު، ހ.ދޫވެހީގެ ބެލްކަންޏަށް ފިޔާތޮށި ކުލައިގެ ހުސްގޮނޑިއެއް ނެރެފައި ހުންނަ މަންޒަރު ފެންނަ ޕޯސްޓުތަކެއް ދައުރުވަމުންނެވެ. ޔާމީންގެ ގެކޮޅުގެ ބެލްކަންޏަށް ހުސްގޮނޑިއެއް ނެރުނުއިރު، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގެ ބޭއްވި ޖަލްސާތަކުގައި ޔާމީންގެ ނަން ޖަހާފައި ހުރި ފިޔާތޮށި ކުލައިގެ ގޮނޑިއެއް ބެހެއްޓިއެވެ. އޭގެފަހުން، މި ސަރުކާރުން ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީންއާއި ރައީސް މުއިއްޒުގެ ގުޅުން ގޯސްވެ، ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވިއެވެ. އަދި، އަމިއްލަފުޅު ޕާޓީ، ޕީއެންއެފް އުފެއްދެވިއެވެ. އެގޮތުން، ކޮންމެ ހަފުތާއަކު އަމިއްލަފުޅު ގެކޮޅުގައި ޔާމީން ގެންދަވަނީ ޖަލްސާތައް ބާއްވަވަމުންނެވެ. އެ ޖަލްސާތަކުގައި މި ސަރުކާރަށާއި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ޔާމީން ފާޑުވިދާޅުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް އަދިވެސް ޔާމީންގެ މައްޗަށް ޖިނާއީ ދައުވާތަކެއް ދައުލަތުން ވަނީ އުފުލާފައެވެ. ޕީއެންސީއިން މިރޭ ބާއްވާ ޖަލްސާއަށް ގިނަ ބަޔަކު ވަނީ މާލެ އަރާފައެވެ. އަދި، މިހާރު ގިނަ ބަޔަކު އެ ޖަލްސާ އޮންނަ އާޓިފިޝަލް ބީޗު ސަރަހައްދަށް ޖަމާވެފައިވާއިރު، އެ ސަރަހައްދުގެ ބައެއް މަގުތައް ފުލުހުން ވަނީ ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ