ފައިސާ ނުލިބޭތާ ފަސް މަސްވުމުން ދިޔަމިގިލީ އަންހެންވެރިން ރަށް ކުނިކެހުން ހުއްޓާލައި ހަޅުތާލުކޮށްފި

ތ. ދިޔަމިނގިލި ކުނިކަހައި ސާފުކުރަމުން އައި އެ ރަށުގެ އަންހެނުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ފަސްމަސް ވުމުން ކުނިކެހުން ހުއްޓާލައި ރަށުގައި ހަޅުތާލުކޮށްފި ކަމަށް އެ ރަށު ރަށުކައުންސިލުން އިއްޔެ ބުނެފި އެވެ.
ދިޔަމިނގިލީ ރަށު ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ ރަށުތެރެ ސާފުކޮށް ބަލަހައްޓަމުން އައި މީހުންނަށް ލިބެންޖެހޭ ފައިސާ މިހާ ދުވަސްވަންދެން ނުލިބި އޮތުމުން އެމީހުން އިއްޔެ މަސައްކަތް ހުއްޓާލާއި ހަޅުތާލުކޮށްފައިވާ ކަމަށެވެ.
" ރަށް ކުނިކަހާ އަންހެންވެރިން އިއްޔެ ކުނިކަހަން ނުކުމެފައި، ހިތްހަމަ ނުޖެހިގެން އެންގީ ދެން ފައިސާ ނުލިބެނީސް ކުނިކެހުން އިތުރަށް ކުރިއަށް ނުގެންދާނެކަމަށް،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ރަށް ކުނިކަހާ މީހުންނަށް ފައިސާ ނުލިބޭތީ އަތޮޅު ކައުންސިލަށާއި އެ ސަރަހައްދުގެ ގައުމީ އިދާރާއަށް ވެސް ތަކުރާރުކޮށް އެމައްސަލަ ހުށައަޅުއްވާފައި ވާނެ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް ވަރަށް އަވަހަށް އެކަން ހަމަޖެހޭނެ ކަމަށް ވިދާޅުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ރަށް ކުނިކެހުމަށް މަހަކަށް ކަނޑައަޅާފައި ވަނީ 25000ރ. ކަމަށެވެ. އެގޮތުން މިހާތަނަށް ދިޔަމިނގިލީގެ އަންހެނުންނަށް ލިބެންޖެހޭ 125000ރ. ނުލިބިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ