ކޮރޯނާވައިރަސްއާއި ގުޅިގެން އައިޓީބީ ޓުއަރިޒަމް ފެއާ ކެންސަލްކޮށްފި

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ޖަރުމަނުވިލާތުގައި ބައްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ އައިޓީބީ ފެއަރ ކެންސަލްކޮށްފިއެވެ.
ފެއަރ އިންތިޒާމްކުރާ މެސް އިން ބުނީ ކޮރޯނާވައިރަސް ފެތުރެމުންދާތީ މިއަހަރު ބާއްވާ އައިޓީބީ ފެއަރ ކެންސަލްކޮށްފައިވާ ކަމަށެވެ. ފެއަރ ކެންސަލް ކޮށްފައިވަނީ އަންނަ ހަފްތަގައި ފެއަރ ބޭއްވުމަށް ނިންމަ ހުރިހާކަމެއް ނިންމަފައިވަނިކޮށެވެ. މިއަހަރުގެ ފެއަރ އަށް 10000 އަށްވުރެ ގިނަ އެގްޒެބިޓަރުން ބައިވެރިވާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ވަނީ ހާމަކޮށްފައެވެ.
މި ފެއަރ އަކީ ރާއްޖެއިން ބޭރުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކުގެ ތެރެއިން ރާއްޖެއިން ބައިވެރިވަމުން އަންނަ އެންމެ ބޮޑު އެއް ފެއަރއެވެ.
ފެއަރ ކެންސަލް ކޮށްފައިވަނީ ބަރލިންގެ ހެލްތް އަދި އިކޮނަމިކް މިނިސްޓްރީން އެންގި އެންގުމާއި ގުޅިގެންނެވެ. އަދި ފެއަރ އަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަކީ ކޮރޯނާވައިރަސްގެ ހައި ރިސްކް ސަރަހައްދުތަކުން ދަތުރުކުރި ފަރާތްތަކަށް ނުވުމާއި އެ ސަރަހައްދުގައި އުޅޭ އެއްވެސް މީހަކާއި ކޮންޓެކްޓް ވެފައި ނުވާ މީހަކަށްވުން ކަށަވަރު ކުރަން ޖެހޭ ކަމަށް ބަރލިންގެ ހެލްތް އަދި އިކޮނަމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
އެހެންކަމުން އެކަމަކީ ކުރެވޭނެކަމެއް ކަމަށް ނޫންކަމަށާއި، އިންތިޒާމްކުރާ ފަރާތުން އެކަން ނުކުރެވޭނެ ކަމަށް ގަބޫލުކުރާތީ މިއަހަރުގެ ފެއަރ ކެންސަލް ކުރަން ނިންމި ކަމަށް ފެއަރ އިންތިޒާމް ކުރާ މެސް އިން ވަނީ ބުނެފައެވެ.
މިއީ މިގޮތަށް ބައްވާ ބޮޑު ފެއަރތަކުގެ ތެރެއިން ދެވަނައަށް ކެންސަލްކުރި އެންމެ ބޮޑު އެއް ފެއަރއެވެ. ކޮރޯނާވައިރަސްއާއި ގުޅިގެން ސުވިސްގެ އިދާރަތަކުން ވަނި ޖެނީވާ ކާރު ޝޯވެސް ހުއްޓުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ