ޕީޕީއެމްގެ ސިޔާސީ ޝިޔާރަކަށް އަމަލުކުރަން އެއްބަސްވެފައެއް ނެތް: ނަޝީދު

ޕީޕީއެމްގެ ސިޔާސީ ޝިޔާރަކަށް ނުވަތަ 2015 ވަނަ އަހަރު ނެރުނު ރިޕޯޓަކަށް މިހާރުގެ ސަރުކާރުން އަމަލުކުރަން ޖެހޭނެ ކަމަށް އެއްބަސްވެފައި ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement
ޕީޕީއެމްގެ ސިޔާސީ ޝިޔާރަކަށް ނުވަތަ 2015 ވަނަ އަހަރު ނެރުނު ރިޕޯޓަކަށް މިހާރުގެ ސަރުކާރުން އަމަލުކުރަން ޖެހޭނެ ކަމަށް އެއްބަސްވެފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓަކާ ގުޅިގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ވަގުތެއްގަ އެވެ.
ރައީސް ނަޝީދުގެ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުތީ އެހެން ތިން ބަޔަކާ އެކު އެއްބައިވަންތަ ސަރުކާރެއް އުފެއްދުމަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެގޮތުން އުފެއްދި ސަރުކާރުގައި ދީނީ ކަންކަން ގެންދާނެ ގޮތަކީ އަދާލަތު ޕާޓީގެ ހުށަހެޅުން ކަމަށް އެމްޑީޕީން ގަބޫލުކުރި ކަމަށެވެ.
"އޭގައި ޕީޕީއެމްގެ ސިޔާސީ ޝިޔާރަށް ނުވަތަ 2015 ގައި ނެރުނު ރިޕޯޓަކަށް އަމަލުކުރަން ޖެހޭ ކަމަކަށް ނެތް،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައީސް ނަޝީދު މީގެކުރިން ވިދާޅުވީ އެ މަނިކުފާނު އެ ރިޕޯޓް ވިދާޅުވެފައިވާ ކަމަށާ އެ އެ ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމުގެ ގޮތުން ބަސްތަކެއް ބޭނުން ކޮށްފައިވާ ނެތް ކަމަށެވެ. އެކަމަކު ރަސޫލާއަށް ނިސްބަތްކޮށް ލިޔެފައިވާ ބައެއް ޖުމްލަތަކުގައި ރަސޫލާއަށް ދޭންޖެހޭ އިހުތިރާމް ދީފައި ނެތުމާއި އަދި ބައެއް ބަސްތައް ރިޕޯޓްގައި ބޭނުން ކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މިސަރުކާރުގެ ދީނީ ސިޔާސަތަކީ އަދާލަތު ޕާޓީގެ ހުށަހެޅުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު އެމްޑީއެންއަށް ފިޔަވަޅު އެޅުމަށް އެންމެ ބޮޑަށް އަޑުއުފުއްލަވަމުން ގެންދަވާ ދީނީ އިލްމުވެރިން ނިސްބަތްވެވަޑައިގަންނަވަނީ އަދާލަތު ޕާޓީ އަށެވެ.
އެމްޑީއެން އަށް ފިޔަވަޅު އަޅައިދިނުމަށް އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ވަނީ އެމްޑީއެންގެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ