އުސްފަސްގަނޑަށް ފުލުހުން އަރާ 3 މީހަކު ހައްޔަރުކޮށްފި

އެމްޑީޕީއިން ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ އުސްފަސްގަނޑަށް ރަޔަޓު ގިޔަރުގައި ތިބި ފުލުހުން އަރައިފި އެވެ.
ސިޔާސީ ހަރަކާތްތައް ހިންގުމަށް އެމްޑީޕީއަށް ދޫކޮށްފައިވާ އުސްފަސްގަނޑަށް ދެފަހަރެއް މަތިން ފުލުހުން އަރައި 3 މީހަކު ހައްޔަރުކޮށްގެން ރޭ ގެންގޮސްފި އެވެ.
މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންގެ ވެހިކަލަކަށް އުސްފަސްގަނޑުގައި ތިބި ބަޔަކު ރޭ 10:30 ހާއިރު ގާ އުކުމުގެ ސަބަބުން ފުރަތަމަ ސްޓާރ ފޯސް ފުލުހުން އުސްފަސްގަނޑަށް އަރައި ގާ އުކި ކަމަށް ތުހުމަތުކުރެވޭ ފިރިހެނަކު ހައްޔަރުކޮށްގެން ގެންދިޔަ އެވެ.
ރަޔަޓު ގިޔަރުގައި ތިބި ފުލުހުން ދެވަނަ ފަހަރަށް އުސްފަސްގަނޑަށް ރޭ 12:30 ހާއިރު އަރާފައިވަނީ ވެސް އުސްފަސްގަނޑު ކައިރިންދިޔަ ފުލުހުންގެ ވެހިކަލަކަށް ގަލުން އުކުމުންނެވެ. ފުލުހުން އުސްފަސްގަނޑަށް އަރާ ގާ އުކި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްގެން ގެނދިޔައިރު އެމީހާގެ މޫނުގައި ވަނީ ޓީޝާޓު އަޅައި މޫނު ނުފެންނަ ގޮތަށް ހަދާފައެވެ.
އެމްޑީޕީން ތުހުމަތު ކުރާ ގޮތުން އެއީ އެމްޑީޕީގެ މުޒާހަރާތަކުގައި ފެންނަ މީހެއް ނޫނެވެ. އަދި އޭނާ އަކީ ފުލުހުންގެ މީހެއް ކަމަށް ވެސް އެމްޑީޕީ މީހުން ބުނަމުންދިޔަ އެވެ. ނަމަވެސް ފުލުހުން އެކަން ދޮގު ކުރެއެވެ.
ފުލުހުންގެ ވެހިކަލަށް ގާއުކުމުން ފުލުހުން ވަނީ ވެހިކަލުން ފޭބުމަށްފަހު ވެހިކަލަށް ހަމަލާ ދިން މީހުން ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެޕާޓީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އަންހެނަކު ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް އެ އަންހެން މީހާ ހައްޔަރުކުރީ ގާ އުކައިގެން ކަމެއް އިނގިފައެއް ނުވެ އެވެ.
ރަޔަޓު ފުލުހުން އެސަރަހައްދަށް ގޮސް ފުރަތަމަ އިންޒާރުދެމުން ދިޔައީ އެސަރަހައްދު ދޫކޮށް އެއްވެފައި ތިބި މީހުން ދިއުމަށެވެ. ނަމަވެސް އޭގެ ފަހުން ފުލުހުން ބުނެފައިވަނީ އުސްފަސްގަނޑު ކައިރިންދާ ވެހިކަލްތަކަށް ހުރަސް ނޭޅުމަށާއި އުސްފަސްގަނޑުގައި ތިބެގެން ސުލްހަވެރިކަމާއެކު ހިޔާލު ފާޅުކުރުމަށެވެ.
ރަޔަޓު ފުލުހުން އުސްފަސްގަނޑު ދޫކޮށް ގޮސްފައިވަނީ ރޭ 1 ޖަހަން އުޅެނިކޮށެވެ.
12:54
ރަޔަޓު ފުލުހުން ވެހިކަލްތަކަށް އަރައިގެން އެސަރަހައްދު ދޫކޮށް ނައްޓާލަނީ.
12:53
އަންހެނަކު ފުލުހުންގެ ވެހިކަލަށް އަރުވައިފި، އެމްޑީޕީގެ އިސް އަންހެން އެކްޓިވިސްޓު ހައްޔަރުކުރި ސަބަބެއް އިނގިފައެއް ނުވޭ.
12:50
ފުލުހުން ބުނެފައިވަނީ ސުލްހަވެރިކަމާއެކު ތިބޭނަމަ އެސަރަހައްދުން މީހުން ފޮނުވާނުލާނެ ކަމަށް.
12:48
ފުލުހުން މިހާރު ދަނީ ވެހިކަލަށް ގެއްލުންދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން، އެގޮތުން ފުލުހުން އުސްފަސްގަނޑު އަތް ފުނާ އަޅަމުންދާކަން ފާހަގަކޮށްލެވޭ.
12:35
އެމްޑީޕީއިން ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ އުސްފަސްގަނޑަށް ރަޔަޓު ގިޔަރުގައި ތިބި ފުލުހުން އަރައިފި އެވެ.
50 ވަރަކަށް ފުލުހުން އަރައި ބުނަމުން ދަނީ އުސްފަސްގަނޑު ދޫކޮށް އެއްވެފައި ތިބި އެންމެން ދިއުމަށެވެ. އެސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު އެބަތިބި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މީގެކުރިން މިރޭ ސްޓާރ ފޯސް ފުލުހުން ވަނީ އުސްފަސްގަނޑަށް އަރައި 2 މީހަކު ހައްޔަރުކޮށްގެން ގޮސްފައެވެ. އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުން ހައްޔަރުކުރި 2 މީހުންނަކީ މިރޭ ފުލުހުންގެ ވެހިކަލަށް ގާ އުކި 2 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ