މޯކަމް ކުންފުނި އުފެއްދުމުގައި ބައިވެރިވި ތިން މުވައްޒަފުން ގޭގައި މަޑުކުރުމަށް އެސްޓިއޯ އިން އަންގައިފި

ރާއްޖެ އިން ބޭރުގައި ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ މޯކަމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް އުފެއްދުމުގައި ބައިވެރިވި އެސްޓީއޯގެ އިސް ތިން މުވައްޒަފުން ވަކި މުއްދަތެއް ނެތި ގޭގައި މަޑުކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އަންގައިފި އެވެ.
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ޓްރޭޑް މިނިސްޓަރު އަދި އެސްޓީއޯގެ ކުރީގެ ޗެއާމަން އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް، ބޭރުގެ މަޖައްލާ އަކުން ދާދިފަހުން ތުހުމަތު ކޮށްފައިވަނީ އެސްޓީއޯ ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑާއި މޯކަމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ބަޔަކާ ހިއްސާވެގެން 2004 ވަނަ އަހަރު އުފައްދި މޯކަމް ޓްރޭޑިން މެދުވެރިކޮށެވެ.
އެ ކުންފުނީގައި އެސްޓީއޯގެ ފަރާތުން ހިއްސާދާރުންގެ ގޮތުގައި ބައިވެރިވެފައި ވަނީ އެސްޓީއޯގެ ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސާގެ މަގާމުގައި މިހާރު ހުންނެވި ސަނާ މަންސޫރާއި އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، ހިޔުމަން ރިސޯސް އެންޑް ޑިވެލޮޕްމަންޓްގެ މަގާމުގަ ހުންނެވި ފާތުމަތު އާޝާނެވެ. އޭގެ އިތުރުން އެ ކުންފުނި އުފެއްދުމުގައި އެސްޓީއޯ ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުނީޒު ވެސް ބައިވެރިވެވަޑައިގެންފައި ވެ އެވެ. މޯކަމްގެ ޑިރެކްޓަރުންގެ ތެރޭގައި މިޔަންމާގެ މީހަކާއި މެލޭޝިއާގެ މީހަކު ވެސް ހިމެނެ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ އެސްޓީއޯގެ ތިން މުވައްޒަފުން ކަމަށްވާ ސަނާ އާއި އާޝާން އަދި މުނީޒު މިއަދުން ފެށިގެން ގޭގައި މަޑުކުރުމަށް އެންގީ ރިޔާސީ ކޮމިޝަނުން ކުރަމުން އަންނަ މޯކަމް މައްސަލައިގެ ތަހުގީގު މިނިވަންކަމާ އެކު ކުރިއަށް ގެންދިއުމުގެ މަގު ފަހިކޮށްދިނުމަށް އެ ކޮމިޝަނުން އެދުމުން ކަމަށެވެ.
"ރިޔާސީ ކޮމިޝަނުން އެދުނީ މިނިވަންކޮށް ތަހުގީގު ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި އެ މުވައްޒަފުން ގޭގައި މަޑުކުރަން އެދުމަށް. އެއްގޮތަކަށް ވެސް އެ މުވައްޒަފުން މައްސަލައެއް އުޅޭކަމަށް ފާހަގަ ކުރެވިގެންނެއް ނޫން އަދި މި ވަގުތު ގޭގައި މަޑުކުރަން އަންގާފައި ވަނީ. ހަމައެކަނި އެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި،" ޝާހިދު ވިދާޅުވި އެވެ.
ސިންގަޕޫރުގައި 2004 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ، އެސްޓީއޯ އާ ގުޅުން ހުރި މޯކަމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަ ނުހޯދާ އުފައްދާފައިވާ ކުންފުންޏަކަށް ވާތީ، އޮޑިޓަރުން އެ މައްސަލަ ފާހަގަކުރުމާ ގުޅިގެން އުވާލާފައިވާ ކުންފުންޏެއްކަން "ހަވީރު"ގެ ކުރީގެ ލިޔުންތަކުން ދައްކަ އެވެ.
މޯކަމް ކުންފުނި އުފެއްދުމާ ގުޅޭ ގޮތުން އޭރު ހުންނެވި ޗެއާމަން ޔާމީން ދާދި ފަހުން ވިދާޅުވެފައި ވަނީ އެ ކުންފުނި އުފައްދާފައިވާނީ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަ ލިބިގެން ކަމަށެވެ. ނަމަވެސް އޭރު ހުންނެވި މެނޭޖިން ޑިރެކްޓަރު މުހައްމަދު ހުސެއިން މަނިކު ވިދާޅުވެފައިވަނީ އެއީ އެސްޓީއޯ އަށް ނޭނގި ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަ ނުހޯދާ އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ.
ކޭޕީއެމްޑީ ފޯޑް އިން ކޮށްފައިވާ 2004 ވަނަ އަހަރުގެ އެސްޓީއޯގެ އޮޑިޓް ރިޕޯޓުގައި މޯކަމްގެ މައްސަލަ ފާހަގަ ކޮށްފައިވެ އެވެ. އަދި އެސްޓީއޯ އިން އަމިއްލަ އަށް އެކަން ތަހުގީގުކޮށް، މުނީޒާ މެދު އެ މައްސަލާގައި ފިޔަވަޅު އެޅިކަމަށް ހަވީރަށް އެނގިފައިވެ އެވެ. ނަމަވެސް، ސަނާ އާއި އާޝާނާ މެދު އެސްޓީއޯ އިން އޭރު ފިޔަވަޅެއް ނާޅާ އޮތީ މޯކަމް އުފެއްދީ ގަވާއިދާ ހިލާފަށް ކަން ސަނާ އާއި އާޝާނަށް ސާފުނުވެ އޮތުމުން ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ