މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ އާދަމް ނަސީރުގެ މައްޗަށް ހައި ކޯޓުގައި ވެސް ކުށް ސާބިތެއް ނުވި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ބުނާ ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ހައި ކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ އާދަމް ނަސީރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ަމައްސަލަ ބެލުމަށްފަހު އެވެ.
އާދަމް ނަސީރު އަތުލައިގެންފައި ވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 2009 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސ. ހިތަދޫއިންނެވެ. އާދަމް ނަސީރުގެ އަތުލައިގަތްއިރު އޭނާ ހިތަދޫ އާއި މާލޭގައި ދިރިއުޅޭ ގެއިންނާއި އޭނާގެ އަންހެނުން އަތުން ފުލުހުން ވަނީ 5.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލައިގެންފަ އެވެ.
އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އާދަމް ނަސީރު ހިތަދޫގައި ދިރިއުޅެމުން ދިޔަ ގެއިން ފެނުނު މަސްތުވާތަކެތި އަޅާފައިހުރި ދަޅަކީ އާދަމް ނަސީރު އޭނާ ހައްދާ ދަނޑުގެ ތެރެއިން ނަގައިގެން ގެނައި މަސްތުވާތަކެތި އަޅާފައި ހުރި ދަޅު ކަމަށް މީހަކު ބުނި ނަމަވެސް އާދަމް ނަސީރު އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އެ ދަޅު ފުލުހުންނަށް ފެނިފައިވަނީ ވެސް އާދަމް ނަސީރު ހައްޔަރުކުރި ދުވަހާއި ޖެހިގެން އައި ދުވަހު ކަމަށާއި އެތަން ފުލުހުން ޗެކް ކުރަމުން ގޮސްފައި ވަނީ ވެސް އާދަމް ނަސީރުގެ ހާޒިރުގައި ނޫން ކަން ވެސް ހައި ކޯޓުގެ ފަނޑިޔާރުން ފާހަގަ ކުރެއްވި އެވެ. އަދި އެ ދަޅަކީ އާދަމް ނަސީރުގެ ދަޅެއް ކަމަށް މީހަކު ބުނާ ބުނުން ފިޔަވައި އެކަމަށް ބާރު ދޭނެ ހަރުދަނާ ގަރީނާއެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އާދަމް ނަސީރުގެ ގެއިން ފެނުނު ފައިސާތަކަކީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ދައުލަތުން ބުނި ނަމަވެސް އެ ފައިސާއަކީ އޭނާ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށް ބުނާ އެއްވެސް ހެއްކަކު ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ނިންމަންޖެހޭނީ ފަނޑިޔާރަށް ގަބޫލުކުރެވޭ ހެކިތަކާ އެކު އެފަދަ ކަމެއްކުރިކަން ޔަގީނާ ގާތްކުރާ މިންވަރަކަށް ގަބޫލު ކުރެވެމުން ކަމަށާއި އެ ނޫން ގޮތަކަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ނުނިންމޭނެ ކަން ގާނޫނީ އުސޫލުތަކުން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެހެންކަމުން އާދަމް ނަސީރުގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ޖިނާއީ ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
ޖިނާއީ ކޯޓުގެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރި ނަމަވެސް އެ މައްސަލަ ޖިނާއީ ކޯޓުގައި ހިނގިއިރު ދައުލަތުން ހުށަހެޅި ހެކިވެރިއަކު އެ ކޯޓުގެ ޝަރީއަތަށް ހާޒިރުނުކުރަން އެ ކޯޓުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ހައި ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ހެކިވެރިޔާގެ ފަރާތުން ސާބިތުކުރަން ބޭނުންވާ ކަންކަން އެހެން ހެކިވެރިންގެ ވެސް ފަރާތުން ޝަރީއަތަށް ސާބިތުވާތީ އޭނާ އަލުން ހާޒިރުކުރުން ބޭނުންތެރި ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ދައުވާ އާދަމް ނަސީރުގެ މައްޗަށް ސާބިތުނުވާ ކަމަށް ޖިނާއީ ކޯޓުން ހުކުމްކޮށްފައި ވަނީ އެ މައްސަލަ ސާބިތުވާ ވަރުގެ ކާފީ ހެކި ނެތުމުންނެވެ. އާދަމް ނަސީރު ހައްޔަރުކުރުމަށް ފަހު، އޭނާ މަސްތުވާތަކެތީގެ ވިޔަފާރިކުރަނިކޮށް ނަގާފައިވާ ވީޑީއޯއެއް ފުލުހުން އާންމުކޮށްފައިވެ އެވެ. އެކަމަކު އެ ވީޑިއޯ ޝަރީއަތަށް ހުށަހަޅާފައެއް ނުވެ އެވެ. އަދި އެ މައްސަލައާ ގުޅޭ އެއްވެސް ފިންގާ ޕްރިންޓެއް ފަދަ އެއްޗެއް ވެސް ހުށަހަޅާފައެއް ނުވެ އެވެ. މީގެ އިތުރުން އާދަމް ނަސީރުގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް ޝަރީއަތުގައި ހެކިބަސް ދީފައި ވަނީ އެންމެ މީހެކެވެ. އަދި ޝަރީއަތުގައި ހެކިބަސް ދިން ފުލުހުން ވެސް، އާދަމް ނަސީރުގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް ބުނެފައެއް ނުވެ އެވެ.
ޖިނާއީ ކޯޓުން މައްސަލަ ނިންމި ފަހުން، އެ ކޯޓުން ވަނީ އާދަމް ނަސީރާއި އޭނާގެ އަނބިމީހާ އާއި ދަރިފުޅުގެ އެކައުންޓުތައް ހިފެހެއްޓުމަށް ކޮށްފައިވާ އަމުރު ބާތިލްކޮށްފަ އެވެ. ނަމަވެސް އޭގެ ތިން ދުވަސް ފަހުން ހައި ކޯޓުން ވަނީ އެ ބޭންކް އެކައުންޓުތައް ހިފެހެއްޓުމަށް ކުރި އަމުރުތައް ދެމެހެއްޓުމަށް އަމުރެއް ނެރެފަ އެވެ.
އާދަމް ނަސީރަކީ 2007 ވަނަ އަހަރުގެ ތެރޭގައި އަތުލައިގަތް ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހެކެވެ. އަދި ފުލުހުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައެއްގައި ވެސް އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. ނަމަވެސް އޭނާގެ މައްޗަށް އެ ކުށް ވެސް ސާބިތެއް ނުވެ އެވެ.
މަސްތުވާތަކެތީގެ ބޮޑުން ކަމަށް ބުނެ ފުލުހުން އަތުލައިގަތް އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް އައިއިރު ކޯޓެއްގައި ކުށް ސާބިތު ކުރެވިފައެއް ނުވެއެވެ. މަސްތުވާތަކެތީގެ ބޮޑުން ކަމަށް ބުނެ އަތުލައިގަތް ހ. ރެހި ހުސައިން މުހައްމަދު މަނިކާއި ޏ، ފުވައްމުލަކު ޑެއިލީބްލޫ އަބްދުއްލަތީފް މުހައްމަދުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ދެ މައްސަލަ ވެސް މިހާރު އޮތީ ހައި ކޯޓުގައި ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ