އިންކުއަރީ ކޮމިޝަންގެ މަސައްކަތްތަކަށް ދެ މަސް އިތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަންގެ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމާ ގޮތަށް ކުރިން އޮތް ނަމަވެސް، މިހާރު އިތުރު ދެ މަހަށް ކުރިޔަށް ގެންދަން ނިންމަވައިފި އެވެ.
އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެ ކޮމިޝަނުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ. އަދި އެ ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދަވަނީ ސީމެގާއެކު އެއްބަސްވެފައިވާ ގޮތަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ އިންޑިއާ އަށް ވަޑައިގަތުމުގެ ކުރިން ކޮމަންވެލްތުގެ ސްޕެޝަލް އެންވޯއީ ޑޮނަލްޑް މެކިނަންއާ ބައްދަލުކުރެއްވި ކަމަށާއި އަދި ފަހުން ވާހަކަތައް ކުރިޔަށް ގެންދެވުމަށް ކެބިނެޓްގެ ހަތަރު ވަޒީރަކު ހިމެނިވަޑައިގަންނަވާ ސަބް ކޮމިޓީއަކާ ހަވާލުކުރެއްވި ކަމަށެވެ.
"މިހާރު ވާހަކަދެއްކުމަށް ފަހު ކޮމަންވެލްތުގެ ސީމެގުން އެދިފައި ވަނީ ކޮމިޝަންގެ ޓާމްސް އޮފް ރެފަރެންސަސް އަލުން ރިއާޔަތްކުރުމަށް. ހަމައެހެންމެ ކޮމިޝަންގެ ކޮމްފޮޒިޝަނާ މެދު ވެސް އޮތީ ސުވާލު އުފައްދާފައި. ހާއްސަކޮށް ކޮމިޝަނުގެ ރައީސާ ބެހޭ ގޮތުން. އެކަމާ ބެހޭ ގޮތުން ވާހަކަދެއްކުމަށްފަހު އަޅުގަނޑުމެން ގަސްދުކުރީ އަޅުގަނޑުމެންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ދުލެއް ދީ އަޅުގަނޑުމެން ތިބީ އެއްވެސް ކަމެއް ކޮންމެހެން ފޮރުވާކަށް ނޫންކަން ]އަންގަން[. އަޅުގަނޑުމެންގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެހީތެރިކަމެއް ހަމަ ރަނގަޅަށް ލިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮމަންވެލްތާއެކު ކޮމިޝަންގެ ޓާމްސް އޮފް ރިފަރެންސް ލިޔެފައިވާ ކަމަށާއި އެކަމަކު ކުރިއެކޭ މާބޮޑު ތަފާތެއް ނެތް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ކުރިޔަށްވުރެ ތަފުސީލްވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
"ކުރިއަކުން ވެސް ޓާމްސް އޮފް ރިފަރެންސްގައި މާބޮޑު މައްސަލައެއް ނެތް. އޭގެ އިތުރުން ކޮމިޝަނުގެ ކޯޗެއާއަކު ލާން އަޅުގަނޑުމެން އެއްބަސްވަން. އެ ބޭފުޅަކީ އަޅުގަނޑުމެން އައިޑެންޓިފައިކޮށް ކޮމަންވެލްތުން ގަބޫލުކުރައްވާ ބޭފުޅެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ސަރުކާރުން އައްޔަންކުރަން ނިންމާފައިވަނީ ސިންގަޕޫރުގެ ރިޓަޔާޑް ޖަޖެއް ކަމަށާއި އޭގެ އިތުރުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު އައްޔަންކުރެއްވުމަށް ފުރުސަތު ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ހުށަހަޅުއްވާފައި ވަނީ ސިޔާސީ ގޮތުން ވަރަށް ހަރަކާތްތެރި މި ސަރުކާރާ ދެކޮޅުވެރި ސިޔާސީ ބޭފުޅުން ކަމަށްވާތީ އެ ބޭފުޅުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ފަރާތުން ބޭފުޅަކު އައްޔަންކުރުމަށް ދެ ހަފުތާއެއްހާ ދުވަސް ދެއްވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މެކިނަން އާއެކު ބޭއްވި ބައްދަލުވުމުގައި ކޮމަންވެލްތުން އަޅާނެ ފިޔަވަޅަކާ ބެހޭ ގޮތުން މަޝްވަރާނުކުރައްވާ ކަމަށެވެ. އަދި ރާއްޖެއާ މެދު އެއްވެސް ފިޔަވަޅެއް އެޅެން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ