މުލަކު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކު ޒަމީރަށް ތާއީދުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މުލަކު ދާއިރާއަށް ކުރިމަތިލައްވާފައިވާ މުހައްމަދު ފައިސަލް އެ ދާއިރާގެ ސަރުކާރު ކޯލީޝަންގެ ކެންޑިޑޭޓް މޫސާ ޒަމީރަށް ތާއީދުކުރަން ނިންމަވައިފި އެވެ.
އޭނާ މިކަން އިއުލާންކުރީ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގަ އެވެ. މިޖަލްސާގައި ރައީސް މައުމޫނާ މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ފައިސަލް ވަނީ ޒަމީރަށް ތާއީދުކުރެއްވުމަށް ނިންމަވާ ޕީޕީއެމަށް ސޮއި ވެސް ކުރައްވާފަ އެވެ.
ފައިސަލް ވިދާޅުވީ ޒަމީރަށް ތާއީދު ކުރަން ނިންމީ މިވަގުތަށް އެ ނިންމުން ނިންމަންޖެހޭ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. ކުރިއަރަމުން އަންނަ ގާނޫނީ ވަކީލް ފައިސަލް އަކީ ކުރިން އެމްއެންޑީއެފްގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ ޒަމީރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި މުލަކު ދާއިރާއަށް ކުރިމަތިލެއްވި ނަމަވެސް އޭނާ މިވަގުތު ހުންނެވީ ކިނބިދޫ ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ. ހަ ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާ މުލަކު ދާއިރާއިން ޒަމީރުއާ އެންމެ ބޮޑަށް ވާދަކުރައްވާނެ ކަަމަށް ބެލެވެނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ނަސީރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ