ޖުމްހޫރީ ޕާޓީގެ ފިކުރަކީ ރައްޔިތުން އެދޭ ގޮތް: އަލީ ސޯލިހު

ރައްޔިތުން އެދޭ ގޮތް އެއީ ޖުމްހޫރީ ޕާޓީގެ ފިކުރު ކަމަށް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވެއްޖެއެެވެ.
ވީނިއުސްރޫމްގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ ޖޭޕީއަކީ ވަރަށް ބޮޑަށް ދޮންވެ ފައްކާވެފައިވާ ޕާޓީއެއްކަން ހުރިހާ ދިވެހި ރައްޔިތުންވެސް ގަބޫލުކުރާ ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ އެހީއާ ނުލާ އެއްވެސް ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެވިފައިނުވާކަން ފާހަގަކުރައްވާ އަލީ ސޯލިހު ވިދާޅުވީ ޖޭޕީއަކީ ނަތީޖާ ހާސިލް ކުރުމަށް އެންމެ ބުރަ މަސައްކަތް ކުރާ، ނަތީޖާ އެންމެ ފުރިހަމައަށް ހާސިލް ކުރާ ޕާޓީ ކަމަށެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ސިޔާސީ ދާއިރާގައި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެކަނި ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގައި 51 އިންސައްތައާއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ގާބިލުކަން ނެތްކަން ފާހަގަކުރައްވާ އަލީ ސޯލިހް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތަށް ޕާޓީގެ ލީޑަރަށް ބައިވެރި ނުވެވުނީ އެމަނިކުފާނަަށް ކުރި ސިޔާސީ އުނދަގޫތަކުގެ ސަބަބުން ކަމަށެވެ.
އެއްއިރެއްގައި ހަތުރުންގެ ގޮތުގައި ދުށް ބައެއްގެ އަތުގައި މިހާރު ހިފުމަށްފަހު މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ އަލީ ސޯލިހު ވިދާޅުވީ އަބަދުވެސް ޖޭޕީން މަސައްކަތް ކުރަނީ ރައްޔިތުންނަށް އެންމެ މަންފާ ހުރިގޮތަށް ކަމަށެވެ. ގައުމު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ބަދަލުހިފުމުގެ އުސޫލު އެއްވެސް ވަަރަކަށް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި ޕާޓީގެ ލީޑަރަކީވެސް އެފަދަ ބޭފުޅެއްކަން އަލީ ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.
އެމްޑީޕީއާ އެކު މަސައްކަތް ކުރުމަކީ ޕާޓީގެ ފިކުރު ބަދަލުވުން ނޫން ކަމަށާއި އެއީ ފިކުރު އެއްގޮތްވުން ކަަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. ގައުމަށް ގެއްލުންވާ ގޮތަކަށް މަސައްކަތް ކުރަން ފަށައިފިނަމަ އަނެއްކާވެސް ނޫނެކޭ ބުނެފައި ދުރަށް ދާނެ ކަމުގެ ޔަގީންކަންވެސް އަލީ ސޯލިހު ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ