ބައްޕަޔަކު ދަރިފުޅުގެ ޕާސްޕޯޓު ހިފަހައްޓައިގެން އުޅޭ މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަނީ

ލަންކާގައި ކިޔަވަމުން އަންނަ ދިވެހި ކުއްޖެއްގެ ޕާސްޕޯޓު ބައްޕަޔަކު ހިފަހައްޓައި އެކުއްޖާ ކިޔަވަން ފޮނުވިޔަ ނުދޭން އުޅޭ ކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ލަންކާގައި ކިޔަވަމުން އަންނަ އެ ކުއްޖާ ޗުއްޓީއަކަށް ރާއްޖެ އައި ތަނުން އެނބުރި ދިޔަ ނުދީ، އެ ކުއްޖާގެ ޕާސްޕޯޓު ބައްޕަ ހިފެހެއްޓި މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައި ވާތީ އެމައްސަލަ ބަލަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި މިހާރު ކުއްޖާގެ ބައްޕަގެ އާއިލާ އާއި އެކުއްޖާ މިހާރު ބަލަމުން އަންނަ ފަރާތުގެ ކަންބޮޑުވުންތައް ވެސް އަހާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އުމުރުން 15 އަހަރުގެ އެކުއްޖާގެ މަންމަ، 2016 ވަނަ އަހަރު މަރުވެފައި ވާތީ އޭނާ ބަލަމުންދަނީ ލަންކާގައި ދިރިއުޅޭ އޭނާގެ މަންމައާ އެއްބަނޑު އެއްބަފާ ދައްތައެކެވެ. ކުޑަ ޗުއްޓީއަކަށް ރާއްޖެ އައިތަނުން ކުއްޖާގެ ޕާސްޕޯޓު ހިފެހެއްޓިއިރު މިއީ އެކުއްޖާގެ އޯލެވެލް އަހަރަށް ވާތީ މިއަހަރު ޓެސްޓުތައް ފެށިފައިވާ ކަމަށް ވެއެވެ. އަދި ރައްޓެހިންގެ އަތުން ފިލާވަޅުތައް ހޯދައިގެން އެކުއްޖާ އެ އިމްތިހާނަށް ތައްޔާރުވަމުން އަންނަ ކަމަށް ވެއެވެ.
"ރާއްޖެއަށް އައި ތަނުން އެކުއްޖާގެ ބައްޕަ ބޭނުމެއް ނުވި ކުއްޖާ އަނބުރާ ލަންކާއަށް ފޮނުވަން، އޭނާ ބޭނުންވަނީ އޭނާއާއެކު ރަށަށް ގެންދަން. އެކުއްޖާ އޭނާ ކައިރީ ރޮއެ އާދޭސްކުރި މިއީ އޭނާގެ އޯލެވެލް އަހަރު ކަމަށް ބުނެ، އަދި ބޭނުން ވަނީ އެކޮޅަށް ކިޔަވަން ދާން ކަމަށް ބުނެ،" ކުއްޖާ މިހާރު ބަލަމުން އަންނަ މީހާ، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ