ފަތުރުވެރިޔަކު އޮޔާ ދަނިކޮށް، ސަލާމަތްކޮށްފި

ކ. ގުރައިދޫއާ އެއް ފަޅެއްގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ލޮސްފުށީގެ ފުއްޓަރު ދިމާއަށް އެކަނި މޫދަ އެރި އުޅުނު ފަތުރުވެރިޔަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ އުމުރުން 28 އަހަރުގެ ފަތުރުވެރިޔަކު އޮޔާ ދަނިކޮށް، ކަނޑޫމާ ރިސޯޓު ޑައިވިން ދޯންޏަކަށް އޭނާ ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ ދޯންޏަށް ނަގައިގެން ކަނޑޫމާ ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ.
ޑިއިވިން ދޯންޏަށް ފަތުރުވެރިޔާ ނަގަން އުޅުމުން އެކަމާ އޭނާ ދެކޮޅު ހަދާފައިވާ ކަމަށާއި ނަމަވެސް ޑައިވިން ދޯނިން އޭނާ އެގޮތަށް ދޫކޮށްލާފައި ނުދާނެ ކަމަށް ބުނުމުން އޭނާ ދޯންޏަށް އަރާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އޭނާ ދޯންޏަށް އެރި އިރު ނޭވާ ކުރުވެ، ވަރުބަލިވެފައި ހުރި ކަމަށް އަދި މޫދުގައި އޮތީ ލައިފް ޖެކެޓު އަޅައިގެން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ކަނޑޫމާ ރިސޯޓަށް ގޮސް، ފަތުރުވެރިޔާއާ ސުވާލުކޮށް، ގުރައިދޫގައި އޭނާ ހުންނަ ގެސްޓް ހައުސްގެ މެނޭޖްމަންޓާ ވެސް ވާހަކަދައްކާފައިވާ ކަމަށެވެ.
އެ ފަތުރުވެރިޔާއަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ