ޑރ ނިޔާފް ގެ ހިއްވަރަށް ތަޢުރީފް އޮހެނީ!

ހިޖާމާ ޖެހުމުން ފައިދާއެއް ނުވަތަ ބައްޔެއްގެ ފަރުވާއެއް ލިބޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް މީގެ ކުރިން ވިދާޅުވުމުން، ހޫނު ފެނަށް ވެއްޓުނު، ޑރ.އަބްދުﷲ ނިޔާފް، ފަހުން ޢަމަލު ކުރި ގޮތުން ގިނަ ބައެއްގެ ތަޢުރީފް އޭނާއަށް އޮހެން ފަށައިފިއެވެ.
ޓްވިޓަރގައި ޑރ. ނިޔާފް ވިދާޅުވީ ހިޖާމާއާ ބެހޭ ގޮތުން ވިދާޅުވި ވާހަކަ ވިދާޅުވީ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވުމުގެ ގޮތުން ޑޮކްޓަރެއްގެ ހައިޞިއްޔަތުން ކަމަށެވެ. އަދި އެކަމާއި ގުޅިގެން ދީނުގައި އެކަން އޮތް ގޮތް ގިނަ ބައަކު ހާމަކުރުމުން އިތުރު ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިވަޑައިގެންފި ކަމަށްވެސް ނިޔާފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމާއި ގުޅިގެން ހުރި ޙަދީޘްފުޅުތައް ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މި ރަމަޟާން މަހު އުމްރާވެ ވަޑައިގަންނަވަން ނިންމާފައިވާ ކަމަށާއި މިހެން ކަމުން، އޭނާގެ ފަރާތުން އެެއްވެސް ފަރާތަކަށް ބަދު ބަހެއް ރައްދުވެފައިވާ ނަމަ ނުވަތަ މީހެއްގެ އިޙްސާސަށް ގެއްލުންވާފަދަ ކަމެއް ނުވަތަ ބަހެއް ވިދާޅުވެފައިވާނަމަ އެކަމަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިވާހަކަތަކާއި ގުޅިގެން ނިޔާފަށް ގިނަ ބައެއްގެ ތަޢުރީފްދަނީ އޮހެމުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ އަމިއްލަ ކުށަށް އިޢުތިރާފް ވުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ސިފައެއް ކަމަށާއި ނިޔާފްއަކީ މިކަމުގައި ނަމޫނާއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ