އަދުރޭގެ ދައުވަތު ރައީސް ސޯލިހަށް: ހިޔާނާތުގެ ފައިސާ ނެގި އެމްޑީޕީ މެމްބަރުން ކިޔައިދޭނަން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުންވެސް ނެގި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ. އަދި ރަީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންފި ނަމަ އެއީ ކޮން މެމްބަރުންތަކެއް ކަން ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރީގެ ރައީސް އަދި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ކުރީގެ ރައިސް ޔާމީން އަށް ކުރާ މަނީ ލޯންޑަރިން ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ހިނގަމުން ދިޔައިރު، ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ފުލުހުންގެ އެކްޓިން ކޮމިޝަނާ މުހައްމަދު ހަމީދު [އެމްސީ ހަމީދު] އަށް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރައްވަން ކެރިވަޑައި ނުގަންވާނެ ކަމަށެވެ. އަދި އެ ހިޔާނާތް ތަހުގީގު ރަނގަޅަށް ތަހުގީގުކޮށްފި ނަމަ ވާނީ ކިހިނެއްތޯ އަބްދުއްރަހީމް ސުވާލު އުފައްދެއްވިއެވެ "[އެމްސީ ހަމީދަކަށް] ނުކެރޭނެ ކޮރަޕްޝަން ތަހުގީގު ކުރާކަށް. ކޮށްފިޔާ ކިހިނެއްތޯ ވާނީ. އެމްއެމްޕީއާރުސީ ފައިސާގެ ވާހަކަ އެ ދައްކަނީ ނޫންތޯ. އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން ނުނަގާތޯ އެ ފައިސާ. ކޮން ބައެއްތޯ ނެގީ، ކޮން ބަޔަކާތޯ ހަވާލުކުރީ،" އަބްދުއް ރަހީމް ސުވާލު އުފެއްދެވިއެވެ. "[އެމްޑީޕީ މަޖިލިސް މެމްބަރުން ހިޔާނާތުގެ ފައިސާ ނެގި] ވާހަކަ ދައްކަން ރަނގަޅަށް އިބްރާހިމް މުހައްމަދު ސޯލިހް އަޅުގަނޑުމެންނާއެކު ވަޑައިގަންނަވަންވީ ނޫންތޯ. އޭރު އަޅުގަނޑުމެން ނިކަން ރަނގަޅަށް [އެ ވާހަކަ] ދައްކާލަދޭނަން. އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާ އަޅުގަނޑުމެން ކައިރިއަށް [އެ ވާހަކަ ދައްކަން]،" އަބްދުއްރަހީމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެންގެންވީ ކޮން އެމްޑީޕީ މެމްބަރުންކަން އެނގިވަޑައިގަންނަވާ ކަމަށާއި އެވާހަކަ ދައްކަނީ އެވާހަކަ އެނގޭތީ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމު ކުރި އެމްއެމްޕީއާރުސީގެ ތަހުގީގުގެ ރިޕޯޓުގައިވާ ގޮތުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުނު ކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުން މިހާރުގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން އަދި އެ މެމްބަރުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކަށް ވަނީ ގޮސްފައެވެ. އެ ރިޕޯޓުން މާބޮޑު އެއްޗެއް ނޭނގޭ ކަމަށާއި ހިޔާނާތުގެ ފައިސާ ދައުރުވި ގޮތާއި ބޮޑު ބައެއް ނެތް ކަމަށް ބުނެ ބައެއް މީހުންގެ ފާޑު ކިޔުންވެސް ވަނީ އަމާޒުވެފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ